މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް މީހާއަށް ހަމަލާދިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ބަންދަށް ހުޅުމާލެ ކޯޓުން މުއްދަތު ޖަހައިފި އެވެ.

ފުލުސް މީހާ އަށް ރޭގެ ވަގުތެއްގައި އަނިޔާކުރީ އޮފް-ޑިއުޓީގައި ހުޅުމާލޭގައި އުޅެނިކޮށް މާލެ އިން ދިޔަ ގުރޫޕަކުންނެވެ.

މިމައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ.

މި މީހުންގެ ތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް، 42 މީހާއާއި 44 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން މިއަދު ވަނީ ޖަހައިދީފަ އެވެ،

އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަނިޔާވި ފުލުސް މީހާގެ ހިތްވަރަށް ތައުރީފުކޮށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުސް މީހާއަށް ހަމަލާ ދިނީ މާލޭގެ ގޭންގަކުން ކަމަށެވެ.

މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.