ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރު ނުވާތީ ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި މިއަދު ވަނީ އައްބާސްގެ ފޮޓޯއާއި ވަނަވަރު އާންމުކޮށް އޭނާ ހޯދަން އިއުލާންކޮށްފަ އެވެ.
ފުލުހުން ބުނީ އައްބާސް ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އައްބާސް ހޯދުމަށްފަހު ބަންދުގައި ބަހައްޓައިގެން މިއަދު މެންދުރުފަހު 2:30ގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރުގައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އައްބާސްއަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް މިދިޔަ މާޗް މަހުގެ ފަސްވަނަ ދުވަހާއި މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހާއި އަދި މިމަހުގެ 16 ވަނަ ދުވަހުވެސް އަޑުއެހުމެއް ތާވަލްކުރި އެވެ. ހުރިހާ އަޑުއެހުމެއްވެސް ކެންސަލް ކުރަން ޖެހުނީ އައްބާސް ކޯޓަށް ހާޒިރު ނުވެގެންނެވެ.
އައްބާސްގެ މައްޗަށް ދައުލަތުން ކުރަނީ "ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ" އެވެ.
އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ އެވެ.
މީގެއިތުރުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އައްބާސް ބޭނުންކުރައްވާ ޓްވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކުރުމަކީވެސް އައްބާސްގެ މައްޗަށް މިދައުވާ އުފުލި ސަބަބެކެވެ.
އައްބާސްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އައްބާސް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްސަލަ ތަހުގީގުކޮށް ނިމުމާ އެކު ފުލުހުން ވަނީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ދޫކޮށްލާފަ އެވެ.
އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.