ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކޮށްފައިވެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އިސްނަންގަވައިގެން އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ އީވާ އިސްވެ ހުންނަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވަން ފެއްޓެވުމުންނެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ނޫސްވެރިންނާ މިދިޔަ ހަފްތާ ބައްދަލުކުރައްވާ އީވާ ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް މުގުރާލާފައިވާތީ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުގެ ބޭނުމުގައި އޭނާ އެމްޑީޕީގައި ނުހުންނަވާނެ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެންބަރުން ތިއްބެވިއިރު އީވާ މަގާމުން ވަކިކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް މިވަގުތު 55 މެންބަރުން އެބަތިއްބެވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ވަނީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ހުށަހަޅާފަ އެވެ. އަދި މިމައްސަލަތަކުގައި ޖަވާބުދާރީވުމަށް ޝާހިދުއާއި ރިފްއަތަށް ވަނީ 14 ދުވަހުގެ ނޯޓިސް ދީފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްގެ މާގަމުން ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމަށް ތައްޔާރުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ އަދި ހުށަހަޅާފައެއް ނުވެ އެވެ.