ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅުމާ ގުޅިގެން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ދެކެ ހިތްހަމަޖެހިވަޑައިނުގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަދައްކަވައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ 50 މެންބަރުންގެ ސޮޔާ އެކު އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި އަލީ ނިޔާޒު ހިމެނެ އެވެ.
އީވާގެ މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން މަޖިލީހުގެ މެންބަރުން ތިއްބެވި ވަޓްސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ނިޔާޒުއަށް އިޝާރާތް ކުރައްވާ، އޭނާ ކުރައްވަން އުޅުއްވަނީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނައިދެއްވަން ނަޝީދު މަސައްކަތް ކުރެއްވި އެވެ.
"ނިޔާ، ތިޔަކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓަވާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ،" ނަޝީދުގެ މެސެޖުގައިވެ އެވެ.
އީވާ ބައްޕަ -- ޅ. ހިންނަވަރު ދޭލިޔާގެ މުހައްމަދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އާއިލީ ގުޅުން އޮތް ބައެކެވެ. މެންބަރު ނިޔާޒު އަކީ ރައީސް ސޯލިހާ އާއިލީ ގުޅުން އޮތް ބޭފުޅެކެވެ. އަދި ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ރައީސް ނަޝީދަކީ ވެސް އާއިލީ ގުޅުން އޮތް ބައެކެވެ.
ރައީސް ނަޝީދުގެ މި މެސެޖަށް ޖަވާބުދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ އީވާގެ މައްސަލައިގައި އޭނާއަށް ވެސް ނިންމަވަން ޖެހިވަޑައިގަތީ ވަރަށް އުދަނގޫ ނިންމުމެއް ކަމަށެވެ.
"އެކަމަކު މިވަގުތު އެ ނިންމުން އަޅުގަނޑު ނިންމައިފިން،" ނިޔާޒުގެ ޖަވާބުގައިވެ އެވެ.
އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އީވާ މަޖިލީހުގެ ނައިބް ރައީސް ކަމުން ވަކިކުރާ ހިސާބަށް ދިޔައީ އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އެހެންވެ އެކަމަށް އިޝާރާތް ކުރައްވާ އަލީ ނިޔާޒު ވިދާޅުވީ އީވާ އެ މަގާމުގައި އިތުރަށް ބަހައްޓަން ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އީވާ މަޖިލީހުގެ ނައިބް ރައީސް ކަމަށް ހޮވީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިއްތިފާގުންނެވެ.
ނަޝީދު ލިޔުއްވި އިތުރު މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ނިމުމާއެކު ދެންވެސް އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފާނު ކަމަށެވެ. ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމާ އެކު ކައިރީގައި ހުންނަވަންޖެހޭ ވަގުތަކީ މިއީ ނޫންތޯއޭ ވިދާޅުވެ ނިޔާޒު ވަނީ ސުވާލުކުރައްވާފަ އެވެ.
އަލީ ނިޔާޒުގެ ސުވާލަށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި ރައީސް ނަޝީދު ދެން ކުރެއްވީ ތުހުމަތެކެވެ. އެގޮތުން މަޖިލިސް މެންބަރުންތަކަކަށް އަމާޒުކުރައްވާ ރައީސް ވިދާޅުވީ ހައެއްކަ މެންބަރުން ނިޔާޒުއާއި ރައީސް ސޯލިހަށް ބިރުދައްކަވާ ކަމަށެވެ.
"ނިޔާއާއި ރައީސަށް ބިރުދައްކައިގެން ކަންކަން ކުރަމުން ގެންދިޔައިމާ ވާނެހާ ގެއްލުން މިވަނީ،" ނަޝީދުގެ މެސެޖުގައިވެ އެވެ.
ރައީސް ނަޝީދަށް ރައްްދު ދެއްވާ ނިޔާޒު ވިދާޅުވީ އޭނާއަށް ބިރު ނުދެއްކޭނެކަން ރައީސް ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ ކޮންމެ ކަމެއްވެސް ކުރައްވާނީ ވަކި ހަމައެއް އުސޫލެއްގެ ތެރެއިން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ތަބާވާނީ މެޖޯރިޓީއަށް. އަޅުގަނޑަކީ ހަގީގީ ޑިމޮކްރެޓެއް،" ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވަން އުޅުއްވާ ޕާޓީގެ ނަމާ ގުޅުވައިގެން ނިޔާޒު ވިދާޅުވި އެވެ.
ނަޝީދުގެ މެސެޖުތަކާ ގުޅިގެން ބައެއް މެންބަރުން ވަނީ ނަޝީދަށް ފާޑުވިދާޅުވެ ރައްދުވެސް ދެއްވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނުހެދޭނެ ކަމަށެވެ.
"ބުނަންތަ ވާހަކައެއް. މަޖިލީހުގައި ދޭލިޔާގެ މުހައްމަދެއް، ތުއްތުމަނިކެއް އެހެން މީހެއް ނޯންނާނެ،" ޔައުގޫބުގެ މެސެޖުގައިވެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ރައީސް ނަޝީދާ އެންމެ ބޮޑަށް ހިޔާލުތަފާތުވާ އެއް މެންބަރަކީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު އެވެ. ނަޝީދުގެ މެސެޖުތަކާ ގުޅިގެން އިސްމާއީލް އެދިވަޑައިގަތީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހެޅުމަށެވެ. އެކަން ނުކުރެވޭނެ ކަމަށް ރައްދުގައި ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެންބަރުން ތިއްބެވިއިރު އީވާ މަގާމުން ވަކިކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް މިވަގުތު 55 މެންބަރުން އެބަތިއްބެވި އެވެ.