ފިނިޕޭޖް

ކާޓް ކޮބޭންގެ ގިޓާ ހަލައްކަ ޑޮލަރަށް ވިކިއްޖެ

ނާވާނާގެ ކާޓް ކޮބޭން ސްޓޭޖްމަތީގައި ފުނޑުފުނޑުކޮށްލި ގިޓާ ފަހުން މަރާމާތުކޮށްލުމަށްފަހު އެ ގިޓާ ގަން އަސްލު އަގުގެ އެތައް ގުނަ ބޮޑުކޮށް ގިޓާ ވިއްކާލައިފި އެވެ.

ކާޓްގެ ފެންޑާ ސްޓްރެޓޯކާސްޓާ އިލެކްޓްރިކް ގިޓާ ވަނީ 595،000 ޑޮލަރަށް ނީލަމުން ވިކިފަ އެވެ. މި ގިޓާ ވަނީ ކާޓް ނާވާނާގެ "ނެވާމައިންޑް" އިރާގައި ސްޓޭޖްމަތީގައި ފުނޑުފުނޑުކޮށްލާފަ އެވެ.

މި ގިޓާއާއެކު ހުދުކުލައިގެ އާނީ ބޯލް ސްޓްރެޕެއްވެސް ހިމަނާފައިވެ އެވެ. މި ގިޓާ ގަތް އަގު ކަމަށް ބެލެވެނީ 60،000 ޑޮލަރެވެ. މި ގިޓާ އަލުން މަރާމާތުކޮށްލި ނަމަވެސް މިއުޒިކް ކުޅުމަށް މި ގިޓާ ފަހުން ބޭނުމެއް ނުކުރެވެ އެވެ. މިއީ މިއުޒިކީ ދުނިޔޭގައި ތާރީހީ މުދަލެއްގެ ގޮތުގައި ބެލެވޭ ގިޓާއެކެވެ.

މި ގިޓާގައި ނާވާނާގެ ތިން މެންބަރުން ކަމުގައިވާ ކާޓް، ކްރިސްޓް ނޮވޮސެލިކް އަދި ޑޭވް ގްރޯލް ސޮއިކޮށްފައިވާއިރު، ސްކްރީމިން ޓްރީސްގެ މާކް ލެނެގަން އަށް ކާޓް މެސެޖެއް ލިޔެފައިވެ އެވެ.

ގިޓާ ވިކުނު ނީލަމުގައި، ނާވާނާ އޭޕްރިލް 17، 1991 ގައި ސިއެޓަލްގެ އޯކޭ ހޮޓެލްގައި ބޭއްވި ޝޯގެ ސެޓްލިސްޓް ވެސް 12 ގުނައަށް ވުރެ އިތުރަށް ވިކިފައިވެ އެވެ. އެގޮތުން ސެޓްލިސްޓްގެ އަސްލު އަގަކީ 4،000 ޑޮލަރަށް ވީއިރު، އެ ވިކިފައިވަނީ 50،800 ޑޮލަރަށެވެ.

ނާވާނާ އަކީ 1987 ގައި ލީޑް ސިންގާ ކާޓް ކޮބެއިން އުފެއްދި ރޮކް ބޭންޑެކެވެ. މި ބޭންޑުގެ ސަބަބުން އޯލްޓަނޭޓް ރޮކް މަޝްހޫރުވެފައިވެ އެވެ. މި ބޭންޑުގެ އެންމެ ކާމިޔާބު ލަވައަކީ "ސްމެލްސް ލައިކް ޓީން ސްޕިރިޓް" އެވެ.

ނާވާނާއަކީ އެންމެ ގިނަ ލަވަ ވިއްކާލި ބޭންޑްތަކުގެ ތެރޭގައި ހިމެނޭ ބޭންޑެކެވެ. މި ބޭންޑު ރޫޅިފައިވަނީ 1994 ގައި ކާޓް އަމިއްލައަށް މަރުވުމާ ގުޅިގެންނެވެ. ކާޓް މަރުވިއިރު އަންބަކާއި އަންހެން ދަރިއެއް ދުނިޔޭގައި ހުއްޓެވެ. އޭގެ ފަހުން ޑޭވް ގްރޯލް ވަނީ ފޫ ފައިޓާސް އުފައްދާފަ އެވެ.