ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިދިޔަ އަހަރު 85 މިލިއަނަށްވުރެ ގިނަ މުއާމަލާތްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިދިޔަ އަހަރު އެވްްރެޖުކޮށް ދުވާލަކު 232،000 އަށްވުރެ ގިނަ މުއާމަލާތް ބޭންކްގެ އިންޓަނެޓް ބޭންކިން ހިދުމަތް މެދުވެރިކޮށް ކޮށްފައިވެ އެވެ. އަދި ދުވާލެއްގެ މައްޗަށް ދެ މިލިއަނަށްވުރެ ގިނަ މޯބައިލް ބޭންކިން ލޮގިން ރިކޯޑްކުރެވިފައިވާ ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.
ޒަމާނީ މޯބައިލް އެޕްލިކޭޝަނަކާއެކު އާންމު ފަރުދުންނަށް ބީއެމްއެލް އިން 2015 ވަނަ އަހަރު އިންޓަނެޓް ބޭންކިން ތައާރަފުކުރުން ވެގެން ދިޔައީ ރާއްޖޭގައި ބޭންކިން ހިދުމަތް ބޭނުންކުރާ ގޮތަށް ބަދަލުގެނުވި ކަމަކަށެވެ.
ބޭންކިން ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ވަސީލަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެ އެވެ.
މި ގޮތުން މިއަދު ބީއެމްއެލްގެ އިންޓަނެޓް އަދި މޯބައިލް ބޭންކިން ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލައި ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތެއްކަން އެ ބޭންކުން ފާހަގަކުރެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކިން ހިދުމަތް ފުޅާކުރުމަށް މެދުކެނޑުމެއްނެތި އެ ބޭންކުން ކުރާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތުމަކީ މިދިޔަ އަހަރު އެ ބޭންކަށް 25،000 އަށްވުރެ ގިނަ ކަސްޓަމަރުން އަލަށް ގުޅުނު އެއް ސަބަބެވެ.
ރާއްޖޭގައި މިދިޔަ އަހަރު ނިމުނުއިރު ހުރި 182 އޭޓީއެމްގެ ތެރެއިން 141 އޭޓީއެމްއަކީ ބީއެމްއެލްގެ އޭޓީއެމްކަން އެ ބޭންކުން ފާހަގަކުރެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިދިޔަ އަހަރު ބީއެމްއެލްގެ ކަސްޓަމަރުން ވަނީ 14 މިލިއަނަށްވުރެ ގިނަ މުއާމަލާތް އޭޓީއެމް މެދުވެރިކޮށްކޮށްފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 39،000 ރުފިޔާ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.