އާރްޑީސީ

އާރްޑީސީ އިން ލޯފަން މީހުންނަށް "ސްމާޓް ކޭން" ހަދިޔާކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ލޯފަން މީހުންގެ ޖަމިއްޔާ -- ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް 150 "ސްމާޓް ކޭން" ހަދިޔާކޮށްފި އެވެ.

ގޯމޭ ރެސްޓޯރެންޓްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯފަން މީހުންގެ ޖަމިއްޔާއަށް ސްމާޓް ކޭން ހަދިޔާކޮށްދެއްވީ އާރްޑީސީގެ މާކެޓިން މެނޭޖަރު އާދަމް ޝަމްއޫން އެވެ. މިރަސްމިއްޔާތުގައި ވަނީ ހެޔޮއެދޭ ފަރާތަކުން ދީފައިވާ 10 ކޭން ވެސް ޖަމިއްޔާއަށް ހަދިޔާކޮށްފަ އެވެ.

ދިގުދަނޑިކޮޅެއް ގޮތަށް ހުންނަ ސްމާޓް ކޭން އަކީ ލޯފަން މީހުން ހިނގާބިގާވެ އުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭ ވަސީލަތެކެވެ. މިދަނޑިކޮޅު ޖައްސާފައި ހުންނަ ޕޮއިންޓުން ފެށިގެން ފަސް މީޓަރުގެ ސަރަހަދެއްގެ ތެރެއަށް އެއްޗެއް ވަދެއްޖެނަމަ ވައިބްރޭޓްވެ، އެ ބޭނުންކުރާ މީހާއަށް އެކަން އަންގައިދޭނެ އެވެ. އޭގެ ސަބަބުން ލޯފަން ކުއްޖަކު އެއްޗެއްގައި އަޅައިގަނެގެން ވެއްޓުން ނުވަތަ މަގުމަތީގައި ޕާކްކޮށްފައި ނުވަތަ ދުއްވާފައިދާ އުޅަނދެއްގެ ޖެހި ލިބިދާނެ އަނިޔާއަކުން ސަލާމަތްކޮށްދެ އެވެ.

ބީވީއައިއެސްއެމް އިން މީގެކުރިންވެސް ވަނީ އެ ޖަމިއްޔާގެ މެންބަރުން "ކޭން" ހަދިޔާކޮށްފަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސައްދާމު ވިދާޅުވީ އެ ޖަމިއްޔާ އިން ކުރިން ހަދިޔާކުރި ކޭން ލިބުނު ކުދިންނަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން އެ ވާހަކަ ދެއްކި ކަމަށާއި މިހާރު މި ލިބުނު ސްމާޓް ކޭން ތަކުން އަދި މާގިނަ ފަސޭހަތައް ލިބޭނެ ކަމަށެވެ.

"މި [ސްމާޓް] ކޭން ލިބުމުން ލޯފަން މީހުންނަށް އެއަށްވުރެ މާބޮޑަށް ފަސޭހަވެގެންދާނެ،" ސައްދާމު ވިދާޅުވި އެވެ.

އާރްޑީސީ އިން ހަދިޔާކުރި 150 ސްމާޓް ކޭންގެ ތެރެއިން 90 ސްމާޓް ކޭން ހަދިޔާކުރުމަށް ނިންމާފައިވަނީ ބީވީއައިއެސްއެމްގެ މެންބަރުންނަށެވެ. އަނެއް 70 ސްމާޓް ކޭން ހަދިޔާކުރަން ނިންމާފައިވަނީ ސްމާޓް ކޭން ބޭނުންވެގެން ގުޅާ މީހުންނަށެވެ. ސްމާޓް ކޭން ހޯދުމަށް ގުޅާނީ 7553755 ނަންބަރަށް ކަމަށްވެސް ސައްދާމު ވަނީ ވިދާޅުވެފަ އެެވެ.