ފިނިޕޭޖް

ނިއާލް ހޯރަންގެ ޓުއާ އިއުލާންކޮށްފި

ވަން ޑައިރެކްޝަންގެ ނިއާލް ހޯރަން އަންނަ އަހަރު ބާއްވާ ޓުއާ އިއުލާންކޮށްފި އެވެ.

އިންސްތަގްރާމްގައި ކުރި ޕޯސްޓެއްގައި "ދަ ޝޯ ލިވް އޮން ޓުއާ 2024" އިއުލާންކުރަމުން ނިއާލް ބުނީ މި އިއުލާންކުރުން އޭނާ ހީކުރި ވަރަށްވުރެ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އޭނާއާ މެދު ފޭނުން ކެތްތެރިވީތީ ޝުކުރުއަދާ ކުރާ ކަމަށެވެ.

ނިއާލް ބުނީ މި ޓުއާގައި އާ އަލްބަމް "ދަ ޝޯ" އާއި އަދި އެހެން ބައެއް އަލްބަމްތަކުގެ ލަވަތައް ކުޅޭނެ ކަމަށާއި އެކަމަށް ކެތްމަދުވެފައިވާތީ ފޭނުންގެ ރީތި މޫނުތައް ދެކެން ބޭނުންވާ ކަމަށެވެ.

ނިއާލްގެ ބޭންޑަށް ބައެެއް އާ މެންބަރުން ގުޅިފައިވާ ކަމަށާއި އޭނާގެ އުއްމީދަކީ އެންމެންވެސް އޭނާގެ މިއުޒިކް އަޑުއަހައި، ހާސްކަން ދުއްވާލައި، ހިތްހަމަޖެހުމާއި، އުފާވެރިކަން ހޯދަން އައުން ކަމަށެވެ.

"ދަ ޝޯ ލިވް އޮން ޓުއާ 2024" ގައި ޔޫރަޕް، އޯޝޭނިއާ އަދި އުތުރު އެމެރިކާ ހިމެނޭ ގޮތަށް 50 ސިޓީގައި ޝޯ ބާއްވާނެ އެވެ. އެވެ. މިއީ ނިއާލް ހަ އަހަރު ތެރޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ޓުއާ އެވެ.

"ދަ ޝޯ" ޓުއާ ފެބްރުއަރީ 21، 2024 ގައި ނޯދަން އަޔަލޭންޑްގެ ބެލްފާސްޓުން ފަށާއިރު މި ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ ޖުލައި 31، 2024 ގައި އެމެރިކާގެ އެރިޒޯނާގެ ފީނިކްސް އިންނެވެ.