ސިފައިންގެ މުސާރަ ވަރަށް އަވަހަށް ބޮޑު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ އެޖުޓަންޓް ކޯ -- އޭޖީ ކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ ވަރަށް އަވަހަށް މި ބަދަލުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މާރިޔާ ވިދާޅުވީ ސަރުކާރާއި ހަވާލުވުމަށްފަހު ސިފައިންނާއި ގުޅުންހުރި އެންމެ މުހިންމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކުނީ ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅުކޮށް ސިފައިންނަށް ބޭނުންވާ ހިދުމަތްތަކަށް ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދިނުމަށް ކަމަށެވެ.
"ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސް ދެވިފައި. މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް މިވަނީ ހައްލުކޮށް ދެވިފަ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވަނީ ދިފާއީ ބާރު ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ކުރިއެރުންތައް ފެންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ރޭވި ތަރުތީބު ކުރެވިފައިވާ އަސްކަރީ އަދުލުގެ ނިޒާމެއް ތައާރަފު ކުރެވިފައިވާ ކަމަށާއި އެ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލަ ރައްދުވާ މީހާއަށް ދިފާއުގައި ބަސްބުނުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލައި، ނަސޭހަތްދީ އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެން ދިއުމަށްވެސް މި ނިޒާމުން ޖާގަދެ އެވެ.
"މިގޮތަށް މިހާތަނަށް 57 މައްސަލައެއްގައި ރެކޯޑަށް ނާރާ ގޮތަށް ނަސޭހަތްދީ މައްސަލަ ފައިލް ކުރެވިފައިވާކަމަށް އަޅުގަނޑަށްވަނީ މަޢުލޫމާތު ލިބިފަ،" މާރިޔާ ވިދާޅުވި އެވެ.
އޭޖީ ކޯ އަކީ ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނަށް ރަސްމީކޮށް ދިވެހި ދައުލަތުން ކިޔާ މަރުހަބާގައި އެކުލެވޭ ސެރެމޯނިއަލް ހަރަކާތްތަކުގައި ދިވެހި ސަގާފަތް ދައްކުވައިދީ ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް އެންމެ އިސް ދައުރެއް އަދާކުރާ ސިފައިންގެ ޔުނިޓެވެ.