ފޮރިން މިނިސްޓްރީ

އަގްސާ މިސްކިތަށް އިޒްރޭލުން ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

May 25, 2023

އަލް-އަޤްސާ މިސްކިތަށް އިޒްރޭލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުގެ އަމަލުތައް ރާއްޖެއިން ކުށްވެރިކުރީ އޯއައިސީގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވި އެވެ.

މުހައްމަދު ޚަލީލް ވަނީ އިޒްރޭލުގެ އަމަލުތަކަކީ އދ. ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ގަރާރުތަކާއި ހިލާފު އަމަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން ގާޒާގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ގޮވާލެއްވި އެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް މުހައްމަދު ޚަލީލް ވިދާޅުވި އެވެ.

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށްވެސް މުހައްމަދު ޚަލީލް ވިދާޅުވި އެވެ.