ފިނިޕޭޖް

ޓީނާ ޓާނާ 83 އަހަރުގައި މަރުވެއްޖެ

މިއުޒިކަލް ލެޖެންޑް އަދި ރޮކް އެންޑް ރޯލްގެ ރާނީގެ ގޮތުގައި ބެލެވޭ ޓީނާ ޓާނާ އުމުރުން 83 އަހަރުގައި މަރުވެއްޖެ އެވެ.

ޓީނާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، ސްވިޓްޒަލޭންޑްގެ ޒިއުރިކް ކައިރީގައި ހުންނަ ޓީނާގެ ގޭގައި ކަމަށް ޓީނާގެ ޕަބްލިސިސްޓްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޓީނާ ވަނީ އިންޓެސްޓިނަލް ކެންސަރު، ސްޓްރޯކް އަދި ކިޑްނީ ފެއިލްވެގެން އާ ކިޑްނީއެއް ލެއްވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިލާފަ އެވެ.

ގިނަ ލަވަކިޔުންތެރިންނާއި ސެލެބްރިޓީން ޓީނާ މަރުވުމުގެ ހިތާމައިގައި ބައިވެރިވަމުންދާއިރު އެންމެންވެސް ބުނަނީ މިއުޒިކް އިންޑަސްޓްރީއިން ނިވިގެން ދިޔައީ އަލިގަދަ ތަރިއެއް ކަމަށެވެ. ޓީނާ ނެތުމުން އެކަން އިހްސާސްކުރެވުނު ނަމަވެސް، އޭނާގެ ލެގަސީ ކުރިއަށްދާނެ ކަމަށެވެ.

ޓީނާގެ ހަޔާތަށް އޭނާ ދެ ފޮތް ނެރެފައިވާއިރު އެއަށް ފިލްމަކާއި ޑޮކިއުމެންޓަރީ އަކާއި މިއުޒިކަލްއެއް ހަދާފައިވެ އެވެ. މި މިއުޒިކަލް އަދިވެސް ކުރިއަށްދެ އެވެ.

އަނާ މޭ ބުލޮކްގެ ނަމުގައި އުފަންވި ޓީނާގެ އުމުރުން 17 އަހަރުގައި ކިންގްސް އޮފް ރިދަމްގެ ޝޯއެއް ބަލަންގޮސް، އެ ބޭންޑުގެ އައިކް ޓާނާއާ ބައްދަލުވި އެވެ. އެއީ 1957 ގައެވެ. އައިކް ފުރަތަމަ ޓީނާއަށް ގުޅާނަމޭ ބުނެ، އެކަން ހަނދާން ނައްތާލާފައި ވަނިކޮށް، ޓީނާ ލަވައެއް ކީ އަޑު އެހުމަށްފަހު ޓީނާގެ ހުނަރާއި ތަރިއަކަށް ވާނޭ ކަމުގެ ފުރުސަތު ބޮޑުކަން ދެނެގަނެ، އައިކް ވަނީ ޓީނާ އެ ބޭންޑުގެ ލީޑް ސިންގާއަށް ހަދައި، ޓީނާ ޓާނާގެ ނަން ޓްރޭޑްމާކް ކޮށްފަ އެވެ.

އައިކްގެ ވިސްނުމަކީ ޓީނާ ބޭންޑުން ވަކިވެއްޖެނަމަ، އެހެން ޓީނާ ޓާނާއެއް އުފެއްދުމެވެ.

ޓީނާގެ ލަވަތައް ކާމިޔާބު ކަމާއެކު ހިނގަން ފެށުމުން އައިކް ވަނީ ބޭންޑު ދޫކޮށް، "އައިކް އެންޑް ޓީނާ ރެވިއު" އުފައްދާފަ އެވެ. އައިކް އާއި ޓީނާ ކައިވެނި ކުރީ 1962 ގައެވެ. އެއިރު ކިންގް އޮފް ރިދަމްގެ ސެކްސޮފޯނިސްޓަށް ދަރިއަކާއި އައިކް އަށް ދަރިއެއް ލިބިފައިވެ އެވެ. އަދި ކައިވެނި ކުރުމަށްފަހު، އައިކް އަށް އެހެން މީހަކަށް ލިބިފައިވާ ދެ ދަރިންވެސް ޓީނާ ބެލި އެވެ.

މި ދެމަފިރިންގެ ބޭންޑު ގިނަ އަދަދަކަށް ޓުއާކޮށް، ހިޓް ލަވަތައް ނެރެ، ޓީވީ ޝޯތަކަށް އަރައި ކާމިޔާބީ ހޯދަމުން ދިޔައިރު، ގޭތެރޭގައި ޓީނާ ކަޑައްތުކުރަމުން ދިޔައީ ބޭވަފާތެރިކަމާއި ގެވެށި އަނިޔާ އެވެ. ޓީނާގެ ފޮތް "އައި، ޓީނާ" ގައި ހާމަކޮށްފައިވާ ގޮތުގައި އައިކް ދެމުންދިޔަ އަނިޔާތަކާއި ބޭވަފާތެރިކަމާ ގުޅިގެން ޓީނާ 1968 ގައި އަމިއްލައަށް މަރުވާންވެސް އުޅުނެވެ.

އައިކް ޓީނާއަށް ކޮށްދީފައިވާ ކަންތައްތަކާއި އޭނާ ދެކެ ވީ ލޯބަށްޓަކައި، ޓީނާ އައިކްއާ އެއްކޮށް އުޅުނެވެ. އެހެންނަމަވެސް 1976 ގައި ހޮޓަލަކަށް ދިޔަ މަގުމަތީގައި އައިކް އާއި ޓީނާގެ މެދުގައި ތަޅާފޮޅުންގަނޑެއް ހިނގައި، ޓީނާ އެ ދަވަހު އައިކް ދޫކޮށް ދިޔަ އެވެ. އަދި ވަރިއަށް އެދި، ޓީނާގެ ދެ ދަރިންގެ ކަސްޓަޑީއަށް އެދުނެވެ. 1978 ވަރީގެ ކޭސް ނިމިނުއިރު، ޓީނާއަށް ބައެއް މުދާ ލިބުނަސް، ކުރިއަށް އޮތް އަހަރުތަކުގައި ޕްރޮމޯޓަރުންގެ ދައުވާތަކާ ގުޅިގެން ޓީނާ އުޅުނީ މާލީ ގޮތުން ވަރަށް ދަތިކޮށެވެ. ގެވެށި އަނިޔާއާ ދެކޮޅަށް އަޑު އުފުލުމުން، އެކަން ކަޑައްތުކުރަމުން ދިޔަ ގިނަ އަންހެނުންނަށް ވަނީ ހިތްވަރު ލިބިފަ އެވެ.

މީގެ ފަހުން ސޯލޯ ކެރިއާއެއް ފަށައި، ކުރިއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދި އެވެ. ޓީނާ ބައެއް ފިލްމުތަކުގައި އެކްޓްވެސް ކޮށްފައިވެ އެވެ. 1986 ގައި ޓީނާ މިއުޒިކް އެގްޒެކްޓިވް އާވިން ބަކްއާ ލޯބީގެ ގޮތުން ގުޅި 27 އަހަރު ފަހުން 2013ގައި ކައިވެނިކުރި އެވެ. އަދި ހަމަ އެ އަހަރު ޓީނާ ވަނީ އެމެރިކާ ޕާސްޕޯޓް ދޫކޮށް، ސްވިޓްޒަލޭންޑްގެ ރައްޔިތަކަށް ވެފަ އެވެ.

ޓީނާއަށް އަށް ގްރެމީ އާއި އެހެނިހެން އެވޯޑް ލިބިފައިވާއިރު، ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ޕްރައުޑް މޭރީ، ހޯލް ލޮޓާ ލަވް، އަ ފޫލް އިން ލަވް، ލެޓްސް ސްޓޭ ޓުގެދާ، އެސިޑް ކުއީން، ގޯލްޑަން އައި، ރިވާ ޑީޕް މައުންޓަން، އައި ޑޯންޓް ވޮނާ ލޫޒް ޔޫ ނައު އަދި ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތް އިޓް ހިމެނެ އެވެ.