މަކުނުދޫ

މަކުނުދޫ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ހދ. މަކުނުދޫގައި ގެއެއްގައި ރޯވެ އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މަކުނުދޫ އިން އަވަސްއަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި އެރަށު "އަލްފާ" ނަމަކަށް ކިޔާ ގޭގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ހދ. އަތޮޅުގައި މުޅިން އެކަހެރިކޮށް އޮންނަ މަކުނުދޫ ގޭގައި އަލިފާން ރޯވީ މިރޭ 9:00 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށާއި ރައްޔިތުންގެ މަސައްކަތުން ބައިގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ނިއްވާލެވުނު ކަމަށްވެސް މައުލޫމާތު ދިން މީހުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގީ އަލްފާ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނެއްގަ އެވެ.

މަކުނުދޫ މީހުން ބުނާ ގޮތުގައި އެ ގުދަނުގައި އަގުބޮޑު ސާމާނުތަކެއް ބަހައްޓާފައި ހުރުމުން މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަލްފާ ގޭގައި އަލިފާން ރޯވާން ދިމާވި ވަކި ސަބަބެއް އެއްވެސް ފަރާތަކަށް ބުނާކަށް ނޭނގުނެވެ.