ހދ. މަކުނުދޫގައި ނަރުދަމާގެ މަސައްކަތްތައް ބޭނުންކުރަން ގެންގޮސްފައިވާ ތަކެތި ބަހައްޓާފައިވާ ސައިޓެއްގެ ކައިރީގައި އެއްޗެއް ގޮވައި ދެ މީހުން މަރުވެއްޖެ އެވެ.
ގޮވާފައިވަނީ މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ގެންގޮސްފައިވާ ތަކެތި ހުރި ސައިޓެއްގައި ހުރި އެއްޗެތިތަކެކެވެ.
ފުލުހުން ބުނީ ގޮވާފައިވަނީ ގޭސް ސިލިންޑަރެއް ކަމަށާއި މަރުވި ދެ މީހުންނަކީވެސް ބިދޭސީން ކަމަށެވެ. މި ދެ މީހުންނަކީވެސް މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތަށް ގޮސް އުޅުނު ދެ މީހުންނެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ގޭސް ސިލިންޑަރު ގޮވަން މެދުވެރިވި ވަކި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
މަކުނުދޫ އިން އަވަަސް އަށް މައުލޫމާތު ދިން މީހަކު ބުނީ ބަނދަރު ސަރަހައްދުގައި ގޮވި މި ގޮވުމުގެ އަޑު ވަރަށް ދުރަށް ހުރި ކަމަށެވެ. އަދި ބަނދަރު ސަރަހައްދުގައި އަޅާފައިވާ ބައެއް ދޯނިތަކާއި އެއްގަމުގައި ޕާކްކޮށްފައި ހުރި ބައެއް ވެހިކަލްތަކަށްވެސް ގެއްލުން ލިބުނު ކަމަށް ބުންޏެވެ.