ދުނިޔެ

"އުރުދުޣާނަށް ދެވަނަ ބުރުގައި 56 ޕަސެންޓް ލިބޭނެ ކަމަށް އުންމީދުކުރަން"

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަނަން އާދީއްތަ ދުވަހު -- މެއި 28 ގައި އޮންނާނެ އެވެ.

ދެވަނަ ބުރަކަށް ދާން ޖެހުނީ މި މަހު 14 ގައި އޮތް ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ލިބިވަޑައި ނުގަތުމުންނެވެ.

މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ލިބިވަޑައިގެންނެވި ސިނާން އަވްޖާންގެ ތާއީދާ އެކު -- ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި -- އުރުދުޣާނަށް 56 ޕަސެންޓް ވޯޓު ދެވަނަ ބުރުގައި ލިބިވަޑައި ގަންނަވާނެ އެވެ.

ތުރުކީގެ މިހާރުގެ ރައީސް އުރުދުޣާނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 49.51 ޕަސެންޓެވެ. ދެވަނަ ލިބިވަޑައިގަތީ ހަ ޕާޓީއެއް އެކުވެގެން އުފައްދާފައި އޮތް ކޯލިޝަނުން ވާދަކުރެއްވި ކެންޑިޑޭޓް ކަމާލް ކިލިޖްދަރޫޣުލޫ އަށެވެ. އޭނާއަށް ލިބިވަޑައިގަތީ ވޯޓުގެ 44.88 ޕަސެންޓެވެ.

މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި ވާދަވެރި ރިޔާސީ އިންތިޚާބެއްގައި ފުރަތަމަ ބުރުގައި 49.51 ޕަސެންޓަކީ ބޮޑު އަދަދެކެވެ. އެއިން ދޭހަވަނީ އުރުދުޣާންގެ ޒައާމަތުގައި ތުރުކީގެ މިސްރާބު ރަނގަޅުކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ބުރަކަށް މުޅި ތުރުކީ ތައްޔާރުވަމުން އަންނައިރު، މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި، ވޯޓުލުމަށްޓަކައި ގިނަ ބަޔަކު މިހާރު ވެސް ތިބީ ތައްޔާރަށެވެ.

ގައުމުން ބޭރުގައި ދިރިއުޅޭ ވޯޓުލުމުގެ ހައްގު ލިބިފައިވާ އަދި ފުރަތަމަ ބުރުގައި ވޯޓުނުލާ އެތައް ބަޔަކު ވެސް، ދެވަނަ ބުރުގައި ވޯޓުލާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ސިނާން އަވްޖާން ވެސް މިހާރު ވަނީ އުރުދުޣާނަށް ވޯޓު ދެއްވުމަށް އޭނާއަށް ފުރަތަމަ ބުރުގައި ތާއީދުކުރި ހުރިހާ މީހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޚަަބަރުތައް ބުނާ ގޮތުން އުރުދުޣާނަށް ތާއީދުކުރެއްވުމުގައި ސިނާން ޝަރުތުތަކެއް ކުރެއްވި އެވެ.

މީގެތެރޭގައި އިދިކޮޅު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް ސަރުކާރުން ޖާގައެއް ނުދިނުމަށް ޝަރުތުކުރެއްވި އެވެ. އެއީ ކުރިދިސްތާން ވޯކާސް ޕާޓީއާ ގުޅުން އޮތް ޓެރަރިސްޓުން ކަމަށް ސިނާން ވިދާޅުވި އެވެ.