ފިނިޕޭޖް

ވާތްފަރާތު ކަންފަތުގެ އަޑުއިވުން ގެއްލެނީ: ޕޯލް ސައިމަން

"ސައިމަން އެންޑް ގާފަންކަލް"ގެ ޕޯލް ސައިމަންގެ ވާތްފަރާތު ކަންފަތުގެ އަޑުއިވުމުގެ ބޮޑު ޕަސެންޓެއް ގެއްލިއްޖެ ކަމަށް އޭނާ ބުނެފި އެވެ.

ދަ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސައިމަން، 81 ބުނީ ކުއްލިއަކަށް އޭނާގެ ވާތްފަރާތު ކަންފަތުގެ އަޑުއިވުމުގެ ބޮޑުބައި ގެއްލުނު ކަމަށާއި އެއްވެސް މީހަކަށް އެކަންވީ ސަބަބެއް ނޭގުނު ކަމަށެވެ.

ސައިމަން ބުނީ އެކަމާ ގުޅިގެން ހިތްހަމަނުޖެހި އަދި އެކަމާ ހެދި ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން ރުޅިއައި ކަމަށާއި ހީކުރީ އެކަން ރަނގަޅުވާނެ ކަމަށް ކަމަށެވެ.

ސައިމަން ބުނީ އެކަން ކުރިމަތިވީ އޭނާގެ އާ އަލްބަމް "ސެވަން ސާމްސް"އަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ. މި އަލްބަމް މިހާރު ނެރެފައިވާއިރު ސައިމަން ބުނީ އަދިވެސް އޭނާގެ ކަންފަތުގެ އަޑުއިވުން ރަނގަޅު ނުވާ ކަމަށާއި އޭގެ ސަބަބުން ކޮންސަޓްތަކުގައި އޭނާގެ ލަވަކިޔުމަށް އަސަރުކުރާނެ ކަމަށެވެ. އަދި ސިއްހީ މައްސަލައާއި އުމުރުގެ ސަބަބުން ޓުއާ ތަކަށް ނުދެވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ބުންޏެވެ. އެހެން ބުނަމުން އޭނާގެ އުމުރު ފުރައިގެ ޖެފް ބެކް އަދި ގޯޑަން ލައިޓްފުޓް ފަދަ މިއުޒިޝަނުން މަރުވެފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.

ޕޯލް ސައިމަން އާއި އޭނާގެ ސްކޫލް އިރުގެ ރައްޓެއްސެއް ކަމުގައިވާ އާޓް ގާފަންކަލް ވަނީ 1956 އިން ފެށިގެން އެކުގައި ޕާފޯމް ކުރަން ފަށައި، 1960ގެ އަހަރުތަކުގައި "ސައިމަން އެންޑް ގާފަންކަލް"ގެ ނަމުގައި މަޝްހޫރުވެފައިވެ އެވެ. މި ދެ ލަވަކިޔުންތެރިންގެ މިއުޒިކް ސްޓައިލަކީ ފޯކް އަދި ރޮކް މިއުޒިކް އެއްކޮލައިގެން ކިޔާ ސްޓައިލެކެވެ.

1970 ގައި މި ބޭންޑު ރޫޅުމަށްފަހު، ސައިމަން ވަނީ ސޯލޯ ކެރިއަރެއް ފަށައި، އެކި ވައްތަރުގެ މިއުޒިކް ސްޓައިލަށް ލަވަކިޔާފައިވާ 14 އަލްބަމް ނެރެފަ އެވެ. އަދި އޭނާއަށް މިހާތަނަށް 16 ގްރެމީ އެވޯޑް ލިބިފައިވެއެވެ.