މަހިބަދޫ

މަހިބަދޫ ސްޓޭޑިއަމަށް ޕެލޭގެ ނަން

އދ. މަހިބަދޫ ފުޓްބޯޅަ ސްޓޭޑިއަމަށް ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ޝަހްސިއްޔަތު ޕެލޭގެ ނަމުން ނަން ދިނުމަށް ނިންމައިފި އެވެ.

މަހިބަދޫ ކައުންސިލުން ބުނީ އެރަށު ފުޓްބޯޅަ ސްޓޭޑިއަމަށް "ޕެލޭ ސްޓޭޑިއަމް"ގެ ނަމުން ނަން ދިނުމަށް ނިންމީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އެ ފުރުސަތު ދިނުމުން ކަމަށެެވެ.

މަހިބަދޫ "ޕެލޭ ސްޓޭޑިއަމް"ގެ ނަން ރަސްމީކޮށް އިފްތިތާހުކޮށް މިއަދު އެރަށުގައި ގައުމީ ފުޓްބޯޅަ ޓީމާއި މަހިބަދޫ އިން ހޮވާލެވޭ ޓީމަކާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މަހިބަދޫ ފުޓްބޯޅަ ސްޓޭޑިއަމަށް ޕެލޭގެ ނަން ދީފައި މިވަނީ ކޮންމެ ގައުމަކުން އެއް ސްޓޭޑިއަމަކަށް ޕެލޭގެ ނަން ދިނުމަށް ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް ޖިއާނި އިންފަންޓީނޯ އެދިފައި ވަނިކޮށެވެ.

މަހިބަދޫ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ އެތައް ކުޅުންތެެރިންނެއް ގައުމީ ޓީމުގައިވެސް ކުޅެފައިވާއިރު ގައުމީ ޓީމުގެ ކެޕްޓަނަކަށް ވެސް މިވަގުތު ހުރީ މަހިބަދޫގެ ކުޅުންތެރިޔެއް ކަމަށްވާ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ. މަހިބަދޫ އަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ދަނީ ދެވަނަ ޑިވިޝަންގައި ވާދަވެސް ކުރަމުންނެވެ.

މަހިބަދޫ ފުޓްބޯޅަ ސްޓޭޑިއަމް ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 16، 2018ގައި މަހިބަދޫގެ ޓީމަކާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި އެކުވެރިކަމުގެ މެޗަކުންނެވެ.