ފިނިޕޭޖް

އައިވީއެފް ހެދުން ދެން ހުއްޓާލީ: ކޯޓްނީ ކަޑޭޝިއަން

ކަޑޭޝިއަން އާއިލާއަށް ހަދާފައިވާ ރިއަލިޓީ ޝޯތަކަކީ ބައެއް މީހުން ވަރަށް ޝައުގުވެރިކަމާއެކު ބަލާ ޝޯތަކެކެވެ.

ކަޑޭޝިއަން އާއިލާގެ ތެރެއިން ކޯޓްނީ، މޭ 2022 ގައި ވަނީ ބްލިންކް-182ގެ ޓްރޭވިސް ބާކާއާ ކައިވެނިކޮށްފަ އެވެ.

މި ފެމަފިރިން އެކުގައި ދަރިއަކު ހޯދުމަށް އެދޭތީ، އައިވީއެފް ހަދަން ފަށާފައިވާ ކަމަށް "ކީޕިން އަޕް ވިތް ދަ ކަޑޭޝިއަންސް"ގެ އެޕިސޯޑްތަކުގައި ހާމަކޮށްފައިވެ އެވެ.

އެހެންނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ދެއްކި އެޕިސޯޑްގައި ކޯޓްނީ އޭނާގެ ކޮއްކޮ ކްލޯއީ ގާތު ބުނީ އައިވީއެފް ހެދުން ހުއްޓާލީ ކަމަށެވެ.

ކޯޓްނީ ބުނީ ޓްރޭވިސްއާއެކު ދަރިއަކު ކިތަންމެ ބޭނުންވި ނަމަވެސް އައިވީއެފް ޓްރީޓްމަންޓްތަކުން ކާން ޖެހޭ ހޯމޯން ފަދަ ބޭސްތަކުގެ ސަބަބުން ކޯޓްނީގެ ސިއްހަތައް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ޓްރީޓްމަންޓް ދެން ހުއްޓާލައި، އޭނާ އުފާވެރިކަން މަތީ ހުރެ، ދަރިންނަށް ރަނގަޅު މަންމައަކަށް ވުން މުހިއްމު ކަމަށާއި މާބަނޑުވުމުގެ ކަންތައް ގުދުރަތަށް ދޫކޮށްލަނީ ކަމަށެވެ.

ކޯޓްނީ، 44، ބުނީ 30ގެ ފަހުގެ އަހަރުތަކުގައި އޭނާގެ އޯވަރީން ހަތް ބިސް ނަގައި، ގަނޑުކޮށްފައިވީ ނަމަވެސް އެ ބިސްތައް ގަނޑުފިލުވިއިރު، ބޭނުންކުރެވޭ ގޮތެއް ނުވި ކަމަށެވެ.

ކޯޓްނީއަށް ކުރީގެ ލޯބިވެރިޔާއާއެކު 13 އަހަރުގެ މޭސަން، 10 އަހަރުގެ ޕެނޯލަޕީ އަދި އަށް އަހަރުގެ ރެއިން ލިބިފައިވެ އެވެ.

ޓްރޭވިސްއަށް އޭނާގެ ކުރީގެ އަނބިމީހާއަށް 19 އަހަރުގެ ލެންޑަން އަދި 17 އަހަރުގެ އަލަބާމާ ލިބިފައިވެ އެވެ.