ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވައިފި އެވެ.
ރައީސް ސޯލިހް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މަގޫދޫގައި ބޭއްވި ޖަލްސާގައި ދޮންބިލެތް ވަނީ ދާއިރާގެ ބޮޑު މެޖޯރިޓީއަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"މި ބިލެއްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ،" ދޮންބިލެތް ވިދާޅުވި އެވެ.
ދޮންބިލެތް ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ގެނެސްދީފައިނުވާ ވަރުގެ ބޮޑު ތަރައްގީއެއް މި ސަރުކާރުން ދާއިރާއަށް ގެނެސްދީފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން ދާއިރާއަށް ކަންކަން ނުކޮށްދޭތީ ރައްޔިތުންނަށް ލިބުނު މާޔޫސް ކަމަށް މި ސަރުކާރުން ނިމުން ގެނެސްދިން ކަމަށްވެސް ވިދާޅުވި އެވެ.
ދޮންބިލެތް ވަނީ އެއްވެސް މީހެއްގެ ނުފޫޒަށް ބޯ ނުލަނބައި ސަރުކާރާއެކު މަޖިލީހުގައި ދެމި ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.