ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2023 ވަނަ އަހަރުގެ "ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ.
މި އަހަރު ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ އެވެ.
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓާ ގުޅޭ ގޮތުން ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާލުވީ މި އަހަރުވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަށް އެފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުމެންގެ އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓްޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެދެނީ މިއަހަރުވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން،" ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި ދެވަނަ ދުވަހުގެ ރޭ 12:00 އެވެ.
ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ހަރުދަނާ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ އެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކްގެ ވެބްސައިޓް މެދުވެރިކޮށް ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި ސްޓާޓަޕްގެ ޝަރުތުތަކާއި އިތުރު މައުލޫމާތުވެސް ވެބްސައިޓުން ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.