ފިނިޕޭޖް

ސިއްހީ ހާލަތާ ހުރެ ސެލީންގެ ލައިވް ޝޯތައް ކެންސަލްކޮށްފި

ކެނެޑާގެ ލަވަކިޔުންތެރިޔާ ސެލީން ޑިއަން، 55، އޭނާގެ ސިއްހީ ހާލަތާ ގުޅިގެން މިއަހަރާއި އަންނަ އަހަރުގެ ލައިވް ޝޯތައް ކެންސަލްކޮށްފި އެވެ.

ސެލީންއަށް ވަނީ ވަރަށް މަދު މީހަކަށް ޖެހޭ ނާރުގެ ބައްޔެއް ކަމުގައިވާ ސްޓިފް ޕާސަން ސިންޑްރޯމް (އެސްޕީއެސް) މިދިޔަ ޑިސެމްބަރުގައި އޭނާއަށް ޖެހިފައިވާކަމާއި އެކަމުގެ ސަބަބުން އޭނާގެ ލަވަކިޔުމަށް އަސަރުކުރާ ކަމަށް ބުނެފަ އެވެ.

ސެލީން ޓްވިޓާގައި ކުރި ޕޯސްޓެއްގައި ފޭނުން ކިބައިން މައާފަށް އެދެމުން ބުނީ 2023 އާއި 2024ގެ ލައިވް ޝޯތައް ކެންސަލްކޮށްފި ކަމަށާއި އެކަން ކުރަންޖެހުމުން އޭނާގެ ހިތް ހަލާކުވީ ނަމަވެސް ސިއްހީ ހާލަތާ ގުޅިގެން ސްޓޭޖްމަތީގައި ލަވަކިޔާ ޕާފޯމްކުރުމުގެ ގާބިލްކަން މިވަގުތު ނެތް ކަމަށެވެ. އަދި އޭނާ ހިތްވަރު ދޫ ނުކޮށް، ފޭނުންނާ ދިމާވުމަށް ކެތްމަދު ވެފައިވާ ކަމަށްވެސް ސެލީން ބުންޏެވެ.

އެސްޕީއެސްގެ ސަބަބުން ގައިގެ މަސްތައް ހަރުވެ، މަސްތަކުގައި ވޭން އަޅައި ސްޕާސަމް ވެއެވެ. މިކަމުގެ ސަބަބުން ސެލީން އާންމުކޮށް ލަވަކިޔުމަށް އަޑު ބޭނުންކޮށްއުޅޭ ގޮތަށް ލަވަނުކިޔޭ ކަމަށް ސެލީން ބުނެފައިވެ އެވެ. ސެލީން އަކީ ވަރަށް މަތީ ނޯޓްތަކަށް ލަވަކިޔާ ފަންނާނެކެވެ.

ސެލީންގެ "ކަރެޖް ޓުއާ"ގެ 52 ޝޯ ފުރިހަމަ ކުރިތަނާ، ކޯވިޑް-19ގެ ސަބަބުން ޝޯތައް މެދުކެނޑުނެވެ. އަދި ސިއްހީ ހާލަތާ ގުޅިގެން އުތުރު އެމެރިކާގެ ޝޯތައް ކެންސަލްކޮށް، ޔޫރަޕްގެ ޝޯތައް ފަސްކޮށްލި އެވެ. އަދި މިހާރު ޔޫރަޕްގެ މި ޝޯތައްވެސް ކެންސަލްވީ އެވެ.

ފުރިހަމަ ސިއްހަތުގައިވެސް ޓުއާ ކުރުމަކީ ބުރަ ކަމަކަށްވީއިރު ސެލީން ބުނީ އޭނާގެ ސިއްހަތު މިހާރު ހުރި ގޮތުން އެކަން ކުރަން ދަތި ކަމަށާއި އެހެންނަމަވެސް ސިއްހަތާއި ބުންވަރު ރަނގަޅުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ސެލީން ބުންޏެވެ.

ފަސް ގްރެމީ އެވޯޑް، ދެ އެކަޑަމީ އެވޯޑް، ތިން ގޯލްޑަން ގްލޯބް އެވޯޑާއި، އެތައް އެވޯޑެއް ހާސިލްކޮށްފައިވާ ސެލީންގެ ފާހަގަކޮށްލެވޭ ލަވަ ތަކުގެ ތެރޭގައި "ދަ ޕަވާ އޮފް ލަވް"، "ބިއުޓީ އެންޑް ދަ ބީސްޓް"، "މައި ހާޓް ވިލް ގޯ އޯން"، "އިޓްސް އޯލް ކަމިން ބެކް ޓު މީ"، "އިމޯޓެލިޓީ"، "އަ ޕްރޭޔާ"، "ނިއު ޑޭ" ފަދަ ލަވަތައް ހިމެނެ އެވެ.