ޕީޕީއެމް

ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާގައި 10،000 މީހުން ބައިވެރިވާނެ: ޕީޕީއެމް

ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދުން ބާއްވާ ޖަލްސާގައި ރާއްޖޭގެ އެކި ހިސާބުތަކުން 10،000 މީހުން ބައިވެރިވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

"ބާނަބާނާ ތިއްބާ ވިއްކާލި ކަނޑު" ނަން ދީފައިވާ މި ޖަލްސާ އަންނަ ހުކުރު ދުވަހު ރޭ 8:30 ގައި ބާއްވަން ހަމަޖެހިފައިވަނީ މާލެ ކާނިވާ ސަރަހައްދުގަ އެވެ.

ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދު އުފެދިގެން ދިޔައީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތު އޮތް ކަނޑުގެ ސަރަހައްދު ބަހާލުމަށް އިޓްލޮސް އިން ނިންމިއިރު އެކަމުގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށް ބުނެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ އިއްތިހާދުން ބާއްވާ ޖަލްސާގައި އެކި ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރަށް ހައްގުތައް ގެއްލިފައިވާ ދިވެހި މަސްވެރިންގެ ފަރާތުންވެސް ވާހަކަތަކެއް އިވިގެންދާނެ ކަމަށެވެ.

މިޖަލްސާގައި އިއްތިހާދުގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީގެ އިތުރުން އެމްއެންޕީ، ދަ ޑިމޮކްރެޓްސްއާއި، ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރުގެ ސަޕޯޓަރުން ބައިވެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދުގައި ހިމެނޭ ބައިވެރިއެއްގެ ހައިސިއްޔަތުން ޕީޕީއެމްގެ ފަރާތުން ޝިޔާމު ވިދާޅުވީ އެ އިއްތިހާދުން ތައްޔާރުކުރާ ޕެޓިޝަންގައި އިއްޔެއާ ހަމައަށް 30،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

"މި ޕެޓިޝަންގައި އެވަނީ ދިވެހި ރައްޔިތުންގެ ބަސް،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިމަހުގެ ދެވަނަ ދުވަހު މާލޭގައި ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުގައި ކަމާ ގުޅޭ ބެނާތައް ވެސް މިހާރު ގެންދަނީ ހަރުކުރަމުންނެވެ.

ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދުން ތައްޔާރުކުރާ ޕެޓިޝަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށްފަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހެޅުމަށްވެސް ވިސްނަމުންދާ ކަމަށް އިއްތިހާދުން ބުނެފައިވެ އެވެ.