ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އަމާޒަކީ ވޯޓުގެ ކުރިން ރަށްތަކުގެ މަޝްރޫއުތައް ނިންމުން

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައްޔިތުން ވޯޓުލާން ނިކުތުމުގެ ކުރިން ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ނިންމާލުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފީއަލީއަށް ވަޑައިގެން އެރަށުގައި ފެނަކައިން ހަދާފައިވާ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ ރަށްރަށުގައި މިހާރު ކުރިއަށްދާ މައިގަނޑު މަޝްރޫއުތައް ވޯޓުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

ރަށްރަށުގައި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ވަކިން ހާއްސަކޮށް އަސާސީ ހިދުމަތްތަކާ ގުޅޭ މަސައްކަތްތައް އިންތިހާބުގެ ކުރިން ނިންމާލުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެެވެ.

"ފެނަކައިގެ 68 އާ އޮފީސް މިހާތަނަށް ނިންމައިފި. އެ ކުންފުނިން 48 އިންޖީނުގެ މިހާތަނަށް ހުޅުވައިފި. އަޅުގަނޑު ރަށްރަށަށް ގޮސް މިޖެހެނީ ރިބަން ކަނޑަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ޖުލައި އޮގަސްޓް ހިސާބުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ފެނާއި ނަރުދަމާ އަދި ފެނަކައިގެ އާ އިންޖީނުގެތަކުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން އެހާތަނަށް 28 ރަށެއްގެ ފެނަކަ އިންޖީނުގެތައް ހުޅުވި، 122 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމެނޭ ކަމުގެ ޔަގީންކަން ދެއްވި އެެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.