ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާހީ މަސައްކަތުގައި ޒާހިރު ވަނީ ގިނަ ގުރުބާނީތަކެއް ވެފައި: ސޯލިހު

ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ގިނަ ގުރުބާނީތަކެއް ވެވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޒާހިރު ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ އިސްލާހީ މަސައްކަތުގައި ޒާހިރު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ސޯލިހު ވަނީ ޒާހިރުގެ އާއިލާތައް ތައުޒިޔާ ދަންނަވާފަ އެވެ.

އިގުތިސާދު ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ވިޔަފާރިވެރިޔާ ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ. އޭނާ ނިޔާވިއިރު އުމުރަކީ 76 އަހަރެވެ.

ޒާހިރު ވަނީ ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް)، ވިމް ޕައުޑާ (ތިރުނަ ޕައުޑަރު) އަދި މޫނުގައިޖަހާފުށް ރާއްޖޭގައި އުފައްދަވާފަ އެވެ. މީގެ އިތުރުން ބްލީޗިން ލިކުއިޑް އާއި އުއްބައްތިވެސް އޭނާ އުފެއްދެވި އެވެ.

ޒާހިރު ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.