ރެފިއުޖީން

ރެފިއުޖީއިން ވައްދަން ތުރުކީގެ ބޯޑަރު ހުޅުވަން އީޔޫ ގޮވާލައިފި

ތުރުކީވިލާތުގެ ބޯޑަރުގައި ތާށިވެފައި ތިބި ރެފިއުޖީއިން ވެއްދުމަށް، އެގައުމުގެ ބޯޑަރު ހުޅުވާލަން އީޔޫގެ އޮފިޝަލުން ތުރުކީވިލާތަށް ގޮވާލައިފި އެވެ.

އީޔޫގެ ފޮރީން ޕޮލިސީގެ ޗީފް ވިދާޅުވީ އިންސާނެއްގެ ހައިސިއްޔަތުން މި ރެފިއުޖީއިންނަށް އެހީތެރިވުން މުހިންމު ކަމަށެވެ. އަދި އިންސާނީ ނަޒަރަކުން ނުވިސްނި ނަމަވެސް، ތުރުކީ ވިލާތުގެ ބޯޑަރުގައި ތާށިވެފައި ތިބި މީހުންނަށް އެހީތެރިވުން އެއީ ޤާނޫނީ ގޮތުން އޮތް ވާޖިބެއް ކަމަށެވެ.

ތުރުކީ ވިލާތުގެ އޮފިޝަލުން ވިދާޅުވާގޮތުގައި މިހާރު ދަނީ ރެފިއުޖީއިންނަށް ކާބޯތަކެއްޗާއި ހިޔާވެހިކަން ފޯރުކޮށްދެމުންނެވެ. އެހެން ކަމުން ބޯޑަރުން ބޭރުގައި މި ޚިދުމަތްތަށް ފޯރުކޮށްދެމުން ދާއިރު، ބޯޑަރުން އެތެރެކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވެ އެވެ.

ތުރުކީ ވިލާތުން ބުނާ ގޮތުގައި އެ ގައުމުގެ ބޯޑަރުތައް ރެފިއުޖީއިންނަށް ބަންދެއް ނުކުރެ އެވެ. ނަމަވެސް މިވަގުތު ބޯޑަރުގައި ތާށިވެފައި ތިބި ރެފިއުޖީއިން ވެއްދުމުގެ ބޭނުމެއް ނެތް ކަމަށެވެ.