ދިރާގު

ޓޮޕް އެޗީވާސް އެވޯޑްގެ ޓައިޓަލް ޕާޓްނަރަކަށް ދިރާގު

May 29, 2023

މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު -- ޓޮޕް އެޗީވާސް އެވޯޑް 2021-2022ގެ ޓައިޓަލް ޕާޓްނަރަކަށް ވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ އެކު ދިރާގުން ސޮއިކޮށްފި އެވެ.

މިއީ 2021 އަދި 2022ވަނަ އަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިހާނުތައް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއް ހާސިލްކޮށްފައިވާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ގައުމީ އިނާމު ދިނުމުގެ ހަފްލާ އެވެ. މިގޮތުން އޭލެވެލް އިމްތިހާނުގައި ގަދަ 10 ރޭންކިން ހާސިލްކުރާ ދަރިވަރުންގެ އިތުރުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މަތީ ދަރަޖަ ހޯދާފައިވާ ދަރިވަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އެވޯޑް ލިބޭ ދަރިވަރުންނަށްވެސް މި ހަފްލާގައި އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސީ ދާއިރާ ކަމަށެވެ.

"އެގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022ގެ ޕާޓްނަރަކަށްވެ، މިއަދުގެ ޒުވާނުންގެ ކާމިޔާބީތައް ފާހަގަކުރުމަކީ އަޅިގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ރިޔާޒު ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހިމް ވިދާޅުވީ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމައުގައި ޒުވާނުން ކުރިއެރުވުމަށް ދިރާގުން ދޭ އެއްބާރުލުމާއި ހަރަކާތްތެރި ބައިވެރިވުމަށް ޝުކުރު އަދާކުރައްވާ ކަމަަށެވެ.

"އަދި މިފަދަ ހަރަކާތްތައް ބޭއްވުމުގައި އެކުންފުނިން އަބަދުވެސް ވެދެއްވާ އެހީތެރިކަންވެސް އުފަލާއެކު ފާހަގަކުރަން،" ނައުޝާދު ވިދާޅުވި އެވެ.

މިއަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ޑިޖިޓަލް މުސްތަގުބަލުގައި ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވާ އިވެންޓްތަކާއި ޕްރޮޖެކްޓްތަކަށް ދިރާގުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.