ބްލޫ އައިވީ އަކީ ވެސް އޭނާގެ މައިންބަފައިން ފަދައިން ހަމަ ތަރިއެކެވެ.
ބިޔޯންސޭ އަދި ޖޭ-ޒީގެ ބޮޑު ދަރިފުޅު، 11 އަހަރުގެ ބްލޫ އައިވީ، އޭނާގެ މަންމަ ބިޔޯންސޭގެ ރެނޯސަންސް ޓުއާގެ މިދިޔަ ހުކުރު ދުވަހު ފްރާންސްގެ ޕެރިސްގައި ބޭއްވި ޝޯގައި ޕާފޯމްކޮށްފި އެވެ.
މިގޮތުން ބްލޫ އައިވީ ވަނީ ބިޔޯންސޭގެ 2019 ވަނަ އަހަރުގެ "ދަ ލަޔަން ކިންގް"ގެ ކޮމްޕޭނިއަން އަލްބަމް "ދަ ގިފްޓް"ގެ " މައި ޕަވާ" އާއި 2020 ގައި ނެރުނު ސިންގަލް "ބްލެކް ޕެރޭޑް" އަށް، ބިޔޯންސޭގެ ބެކަޕް ޑާންސަރުންނާއެކު މޮޅަށް ނަށާފަ އެވެ. ބްލޫ ނެށިއިރު، އޭނާގެ މަންމަ ފަދައިން ހުރީ ރިހި ކުލައިގެ ވިދާ ޖަމްޕްސޫޓެއް ލައިގެންނެވެ.
ބްލޫގެ ޕާފޯމަންސަށްފަހު، ބިޔޯންސޭ "ބްލޫ އަށް ތަރުހީބެއް" ދޭން ބުނުމުން، އޯޑިއަންސް ވަނީ ވަގުތުން ވަރަށް ހޫނު ތަރުހީބެއް ދީފަ އެވެ.
![](https://images-01.avas.mv/post/big_u8VPLAYk9JPiODetCbAJTbzkM.jpg)
ބިޔޯންސޭގެ މަންމަ ޓީނާ ނޯލްސް-ލޯސަން ވަނީ ބްލޫގެ ވީޑިއޯ ކްލިޕްއަކާއެކު، އޭނާގެ މާމަ ދަރިފުޅު 70،000 މީހުން ކުރިމަތީ އެއްވެސް ޖެހިލުމެއްނެތި ޕާފޯމް ކުރި ކަމަށާއި ވަރަށް ބޮޑަށް ލޯބިވާ ކަމާއި ފަހުރުވެރިވާ ކަމަށް ބުނެ ޕޯސްޓްތަކެއް ކޮށްފަ އެވެ.
މިދިޔަ ޖެނުއަރީގައި ބިޔޯންސޭ އެކުވެރި އަރަބް އިމާރާތުގެ ދުބާއީގެ އެޓްލާންޓިސް ދަ ރޯޔަލް ރިސޯޓްގައި ބޭއްވި ޝޯގައިވެސް ބްލޫ ވަނީ މަންމައާ އެކު "ބްރައުން ސްކިން ގާލް" ކިޔާފަ އެވެ.
ބްލޫ އައިވީ އަކީ މިހާތަނަށް ގްރެމީ އެވޯޑް ލިބުނު ދެވަނައަށް އެންމެ ހަގު ލަވަކިޔުންތެރިޔާ އެވެ.