ދަ ޑިމޮކްރެޓްސް

އެމްޑީޕީ ހަރުގެ "ދަ ޑިމޮކްރެޓްސް"ގެ ބާރުގެ ދަށަށް

އެމްޑީޕީ މައި ހަރުގެ "ދަ ޑިމޮކްރެޓްސް"ގެ ބާރުގެ ދަށަށް މިއަދު ގެނެސްފި އެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގެ އެތަނުގައި ހުޅުވައި އެމްޑީޕީގެ ޕޯސްޓަރުތައް ނަގަން ފެށީ މިއަދު ހަވީރު އެވެ. އަދި ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ވަނީ އެ ހަރުގޭގައި ފަށާފަ އެވެ.

އެމްޑީޕީ މައި ހަރުގެ ކުރިން ހުރި ތަނުގައި ދަ ޑިމޮކްރެޓްސްގެ ހަރަކާތްތައް ފަށާފައި މިވަނީ އެމްޑީޕީ މައި ހަރުގެ ހުސްކުރަން ގޭގެ ވެރިފަރާތުން އެންގުމުން އެ މައްސަލަ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.

އެމްޑީޕީގެ މައި ހަރުގެ ހަދާފައިވަނީ އެ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ކުރިން އުޅުއްވި ޝަފިއްޔާ ޒުބައިރުގެ ބިމެއްގަ އެވެ.

ޝަފިއްޔާ މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފަ އެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު އަވަސް އަށް ވިދާޅުވީ ހަރުގެ މައްސަލަ ކޯޓަށް ހުށަހެޅީ އެތަން ދީފައިވާ މުއްދަތު ހަމަވި ނަމަވެސް ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބު ނިމެންދެން ހަރުގެ ބޭނުން ކުރެވޭނޭ ކަމަށް ގޭގެ ވެރިފަރާތުން ކުރިން އެންގުމަށްފަހު އެ އެންގުން އެހެން ގޮތަކަށް ފަހުން ބަދަލުކުރުމުން ޕާޓީގެ ހައްގުތައް ކަށަވަރުކުރުމަށް ކަމަށެވެ.