ތައުލީމު

ޤުރުއާންގެ އިލްމު ފުޅާކުރަން ކުއާޒާ އާއި ތައިސީރިލް ޤުރުއާން އެއްބަސްވުމަކަށް

ޤުރުއާނާއި ދީނީ އިލްމަށް ލޯބިކުރާ ދިވެހި ޖީލެއް ބިނާ ކުރުމަށްޓަކައި "ކުއާޒާ އިންސްޓިޓިއުޓް" އާއި "މަރުކަޒުއް ތައިސީރިލް ޤުރްއާން"އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކުއާޒާ އިންސްޓިޓިއުޓް އާއި މަރުކަޒުއް ތައިސީރިލް ޤުރްއާން އަކީ އިލްމު ފޯރުކޮށްދިނުމުގައި 13 އަހަރުގެ ތަޖުރިބާ ހުރި ތައުލީމީ ދެ އިދާރާ އެވެ.

މަރުކަޒުއް ތައިސީރިލް ޤުރްއާންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މަސްއޫލުވެރިޔާ އަލްއުސްތާޒް އަބްދުالله އަބްދުލް ހަކީމް އާއި ހިންގާ އިސްވެރިޔާ އިޖާޒަތު ހަމޫދާ އަބްދުالله އެވެ. ކުއާޒާ އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ރައީސް އާދަމްޒާހިރު (ކުރޮޅި) އާއި ޑިރެކްޓަރު މުހައްމަދު މައިޒަރު އާދަމް ޒާހިރް އެވެ.

މިއެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކުއާޒާ އިންސްޓިޓިއުޓްގެ ވެރިޔާ މައިޒަރު އަހްމަދު އާދަމް ވިދާޅުވީ ޤުރުއާނާއި ދީނީ އިލްމަށް ލޯބިކުރާ ދިވެހި ޖީލެއް ބިނާކުރުމަކީ އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެ މަގުސަދު ހާސިލްކުރުމަށްޓަކައި ތައިސީރިލް ޤުރުއާން އަށް ދައުވަތު ދެއްވައިގެން އެ މަރުކަޒާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވީ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ދައުވަތަކަށް މިއެއްބަސްވުން މިހެދީ. ތައިސީރިލް ޤުރުއާން އަކީ ވަރަށް އިޚުލާޞްތެރިކަމާއެކު ކީރިތި ޤުރުއާނާ ދީނީ އިލްމު ފޯރު ކޮށްދެއްވާ ފަރާތެއް. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ފީ ދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ހިލޭސާބަހަށް ކިޔަވާ ދެއްވާ ފަރާތެއް. އެތަނުން ކިޔަވައިގެން އަންނަ ދަރިވަރުންގެ ފަރާތުން މައުލޫމާތު ލިބެނީ އެތާންގެ ދަރިވަރުންނަށް ތަނުގެ މުދައްރިސުންނާ ވެރިން އޯގާތެރި ވާހަކަ،" މައިޒަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކުއާޒާ އިންސްޓިޓިއުޓާއި މަރުކަޒުއް ތައިސީރިލް ޤުރްއާންގެ އަމާޒު ވަރަށް އެއްގޮތް ކަންވެސް މައިޒަރު ފާހަގަކުރެއްވި އެވެ. އެގޮތުން އެ އިދާރާގެ އަމާޒަކީވެސް ހުޅުމާލެ ފޭސް އެކެއް އަދި ހުޅުމާލޭ ފޭސް ދޭއްގައިވެސް ވަރަށް ފުޅާކޮށް ޤުރުއާން ހިފްޒު ކުލާސްތަކާއި، ބަލައިގެން ކިޔަވައިދިނުމާއި، ތަޖުވީދުގެ ހަމަތައް ކިޔަވައިދޭ ތަނެއް ގާއިމުކުރުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ދިވެހި ބަހުގެ އަދަބިއްޔާތުގެ އެއްމެހާ ބައިތައް އުނގަންނައިދިނުމުގެ އިތުރުން މީގެ ކުރިންވެސް ޤުރުއާން ކިޔަވައިދެމުންދާ އިންސްޓިޓިއުޓެއް. އެހެންވެ ދެތަން ގުޅިގެން މިމަސައްކަތް ކުރީމާ މާރަނގަޅަށް މާފުޅާކޮށް މިކަން ކުރެވޭނެ ކަމަށް ފެނިގެން މިފަދަ އެއްބަސްވުމެއް ހެދީ،" މައިޒަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ އިދާރާގެ ދެމެދުގައި މިއަދު ސޮއިކުރި އެއްބަސްވުމާއެކު އޮންލައިން ކްލާސްތަކާއި ކުދިން ކުލާހަށް ހާޒިރުވެގެން ހިންގާ ކުލާސްތަކާ އެކު މުޅި ރާއްޖެއަށް އަމާޒުކޮށް މުސްތަގުބަލްގައި ކުލާސްތައް ކުރިއަށް ގެންދަން އިތުރަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އަދި ދެ ފަރާތް ގުޅިގެން ކްލާސްތައް ހިންގަން ފުރުސަތު ލިބުމާ އެކު ދަރިވަރުން އަތުން ކުރަންޖެހޭ ހޭދަކުޑަކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ތައިސީރިއަލް ޤުރުއާން އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އަދި ހިލޭ ސާބަހަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޤުރުއާން ކްލާސްތައް ކުރިއަށް ގެންދާ އެއް މަރުކަޒު. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ އިސްކަމެއް ދޭނަން. އަޅުގަނޑުމެން ކުއާޒާ އިން މީގެކުރިން ބޮޑަށް ކިޔަވައިދިނީ ދިވެހި ބަސް. އަޅުގަނޑުމެން ވެސް ވާނެ މާލެއާއި އަތޮޅުތަކުގައިވެސް ހިލޭ ސާބަހަށް ކްލާސްތައް ނަގާފައި،" މައިޒަރު ވިދާޅުވި އެވެ.

މައިޒަރު އިތުރަށް ވިދާޅުވީ ޤުރުއާނާއި ދީނީ އިލްމު އުނގަންނައިދިނުމަށް ދެ މަރުކަޒުގައިވެސް މަސައްކަތް ކުރާނީ ފުރަތަމަ ޑިގްރީއާއި މާސްޓާސް ހާސިލްކުރައްވާފައި ތިއްބެވި އިލްމީ އަދި ތަޖުރިބާކާރު މުދައްރިސުން ކަމަށެވެ.

މަރުކަޒުއް ތައިސީރުލް ޤުރުއާން ހިންގާ އިސް ވެރިޔާ އިޖާޒަތު ހަމޫދާ އަބްދުالله ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ މަގިސަދަކީ ފައިސާއ ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ކޮލިޓީ ހިދުމަތްތަކެއް ދީގެން ފެންވަރު ރަނގަޅު ދަރިން ތަކެއް އުފެއްދުން،" އިޖާޒަތު ވިދާޅުވި އެވެ.

ތައިސީރުލް ޤުރުއާންގެ މަސްއޫލްވެރިޔާ އަލްއުސްތާޒް އަބްދުﷲ އަބްދުލް ޙަކީމް ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައީ އެ މަރުކަޒުގެ ހިދުމަތް ފެނި ކަމުގޮސްގެން އެފަދަ ކޮލިޓީ ހިދުމަތެއް ދިނުމަށް ކުއާޒާއިން ބޭނުންވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަދި ކުއާޒާގެ މަސައްކަތްތައް އަޅުގަނޑުމެން ދިރަސާކޮށްލިއިރު ކުއާޒައަކީވެސް ހިންގުންތެރި ހަރުދަނާ ތަސައްވުރެއް އޮތް އިންސްޓިޓިއުޓެއްކަން އަޅުގަނޑުމެންނަށް ކަށަވަރު ވާތީ،" އަބްދުﷲ އަބްދުލް ހަކީމް ވިދާޅުވި އެވެ.

ކުއާޒާ އިންސްޓިޓިއުޓާއި މަރުކަޒުއް ތައިސީރިލް ޤުރްއާންގެ އިލްތިމާސަކި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ރައްޔިތަކު ފީ ނުދެއްކިގެން ޤުރުއާނުގެ އިލްމު އުނގެނުމަށް ފަސްނުޖެހުމެވެ. ކޮންމެ ފެންވަރެއްގައި ކޮންމެ ހާލަތެއްގައި ހުރި ދަރިވަރެއް ކަމުގައިވިޔަސް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ހިލޭސާބަހަށް ވެސް ކިޔަވައި ދޭން ތައްޔާރަށް ކަމަށްވެސް ކުއާޒާ އިންސްޓިޓިއުޓާއި ތައިސީރުގެ ވިދާޅުވެފައިވެ އެވެ.