ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ، ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފި އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ ކުރިއަށްދަނީ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ނިންމާފައިވަނީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ހިއްސާދާރުންނަށް ބެހުނު 20 ރުފިޔާ ހިމަނައިގެން ކަމަށެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމުން މިދިޔަ އަހަރު ކުރި ހީވާގި ބުރަ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. ފާއިތުވި 40 އަހަރު ބޭންކަށް އިތުބާރުކުރައްވާ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި އެންމެހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.

އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ މަގުން ބެހީ ޖުމްލަ 107.6 މިލިއަން ރުފިޔާ އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލް އިން އަލަށް އެކުލަވާލި ސްޓްރެޓަޖީ އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި، ޑިޖިޓަލައިޒޭޝަނަށް ކަމަށެވެ. މި ސްޓްރެޓަޖީގެ ދަށުން ބީއެމްއެލް އިން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ރައްޔިތުން ހިޔާރުކުރާ ބޭންކަށް ވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2022 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ލިބޭނެ އެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާގެ އިތުރުން 2022 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.63 ބިލިއަން ރުފިޔާ އެވެ.