ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއޭމްތައް އިއާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ކާލް ވިދާޅުވީ ބީއެމްއެލް އަމިއްލަ މިސްރާބެއްގައި މަސައްކަތްކޮށް ސްޓްރެޓަޖީ ދުވަހުން ދުވަހަށް ބަދަލުކުރަމުންދާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭ ގޮތަށް ކަމަށެވެ.
ކާލް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު އެ ހުރިހާ އޭޓީއެމް އަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގާ އޭޓީއެމް އަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
"އަދި އަޅުގަނޑުމެންގެ ބްރާންޗުތަކުގެ އަލަށް ކުރާ މަރާމަތުގެ މަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެމެހެއްޓެނެވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް،" ކާލް ވިދާޅުވި އެވެ.
ޑިޖިޓަލައިޒޭޝަންއާ ގުޅޭގޮތުން ކާލް ވިދާޅުވީ މިދާއިރާއިން ބީއެމްއެލް ކުރި ހޯދާފައިވީ ނަމަވެސް ޑިޖިޓަލް ދަތުރު ހުއްޓާ ނުލައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. ބީއެމްއެލް އަށް ހެދޭ ކުށްތައް މަދުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޭންކުގެ ހިދުމަތް ހޯދާނެ ގޮތާއި، ތަނާއި ވަގުތު ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްޓަކައި ފުރިހަމަ ގޮތުގައި އޮޓަމޭޓްކުރަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިހާރު މެނުއަލްކޮށް މަސައްކަތް ކުރަމުންދާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ބަދަލުގެނެސް ހަމަ މިދަނޑިވަޅުގައި އިތުރު ސެކިއުރިޓީ ކޮންޓްރޯލް އިތުރުކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ސަޕޯޓް ޕްލެޓްފޯމްތައް އިތުރުކުރަމަށް،" ކާލް ވިދާޅުވި އެވެ.
ބީއެމްއެލްގެ މުވައްޒަފުންނަށް ކާލް އިލްތިމާސް ކުރެއްވީ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުމަކީ ސަގާފަތުގައި އަށަގެންފައިވާ އަދި އަހައްމިއްޔަތުދޭ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. ބީއެމްއެލްގެ ޕްރޮޑަކްޓްތަކާއި ފޯރުކޮށްދޭ ހިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ އަދި ޓާގެޓް ސެގްމަންޓަށް މުހިއްމު އަދި ބޭނުންތެރި ޕްރޮޑަކްޓެއް ނުވަތަ ހިދުމަތަކަށް ހެދޭތޯ ބަލަންވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް ވަަރަށް ބޮޑަށް ދަށްކުރެވި ފަސް ޕަސަންޓަށް ހަމަޖައްސާފައިވާ ކަމަށާއި އަދި ދައްކަންޖެހި ނުދައްކާ ހުންނަ ލޯނުތަކުން ނަގާ އިންޓްރެސްޓްގެ މަހު ފީ ދެ ޕަސަންޓަށް ދަށްކޮށްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.
"ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ނުވަ ފަހަރަށް އިންޓްރެސްޓް ރޭޓް މަތިކުރި ނަމަވެސް ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑެއް ނުކުރޭ. މީގެ ބަދަލުގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާނެ ދަތިތަކަށް ވިސްނައި، އިތުރުވި ހަރަދުތައް މެނޭޖްކޮށްފައި،" ކަސްޓަމަރުންނަށް ލުއި ހޯދައިދިނުމަށް ކުރާ ކަންކަން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ބޭންކްގެ ކުރިމަގާ ގުޅޭގޮތުން ކާލް ވިދާޅުވީ ބޭންކިން ދާއިރާއަށް ވާދަވެރިން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެއީ ހުއްޓުވޭނެ ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް ބީއެމްއެލް މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށް ވުމަށް ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގެ މާކެޓްގައި ބީއެމްއެލްއަށް ލިބިފައިވާ ކުރިއެރުމާއެކު ބީއެމްއެލްގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓްތަކާއި އައު މަގުތައް ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކާމިޔާބު މިނިގެންދާނީ ކަސްޓަމަރުން އަޅުގަނޑުމެންނާއެކު ބޭންކިން މުއާމަލާތް ކުރަންޖެހޭ ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އަޅުގަނޑުމެންނާއެކު ބޭންކިން މުއާމަލާތް ކުރަން އެދޭ ބަޔަކަށް ބަދަލުކޮށްގެން. އަދި މިބަދަލު ގެނައުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރަންޖެހޭ،" މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ކާލް ވިދާޅުވި އެވެ.