ސީމެގް

ސީމެގްގެ ވަފުދާ ދުންޔާ ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް ސީމެގްގެ ވަފުދާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު ފޮރިން މިނިސްޓްރީގަ އެވެ.

ރާއްޖެ އައި ވަފުދުގައި ހިމެނެނީ ސީމެގްގެ ވައިސް ޗެއާ އާއި ގަޔާނާގެ ފޮރިން މިނިސްޓަރާއި ކެންޔާގެ ފޮރިން މިނިސްޓްރީގެ ކެބިނެޓް ސެކްރެޓަރީ އަދި އިންޑިއާގެ ފޮރިން ސެކްރެޓަރީ އެވެ. ސީމެގް އިން ރާއްޖެއަށް ދަތުރެއް މި ކުރަނީ ސަރުކާރުގެ ދައުވަތަކަށެވެ. އެ ވަފުދުން ރާއްޖޭގެ ހާލަތު މޮނީޓާކޮށް ކޮމަންވެލްތަށް ރިޕޯޓް ހުށަހަޅާނެ އެވެ. އެ ޓީމުން މާދަމާއާ ހަމަޔަށް ރާއްޖޭގައި މަސައްކަތް ކުރާނެ އެވެ. ސީމެގުން މިއަދު ދުންޔާއާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލު އަދި ދެއްވާފައެއް ނުވެ އެވެ.

މިނިސްޓަރު ދުންޔާ މީގެކުރިން ވިދާޅުވެފައިވަނީ، މޯލްޓާގެ ކޮމަންވެތް ހެޑްސް އޮފް ގަވަމަންޓްގައި ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖޭގެ ކަންތައްތައް ހިނގަމުން ދާގޮތް ބެލުމަށް ރާއްޖެ އައުމާ ބެހޭ ގޮތުން ސަރުކާރާއި މަޝްވަރާ ކުރި ކަމަށެވެ.

"ކުރިން ވެސް ސީމެގުން ވަނީ ރާއްޖޭގެ ހާލަތުބައްލަވައި ބަޔަކު ދައްކައި ވާހަކަޔަށް ހެއްލި ކޮންމެވެސް ވަރަކަށް ހަގީގަތާއި ހިލާފު ކަންތައްކުރެވި ނިންމުން ތަކެއް ނިންމާފައި. އަޅުގަނޑުމެންގެ އުމްމީދަކީ މިފަހަރުގެ ގްރޫޕުން ވަރަށް ރަނގަޅަށް އިންސާފުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންތައްތައް ކުރިޔަށް ދާގޮތް ބައްލަވާނެ ކަމަށެވެ،" ދުންޔާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ކެމެރަންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ސީމެގްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ބަންދުގައި ތިބި ސިޔާސީ ފަރާތްތަކާ ބެހޭ ގޮތުން ރާއްޖޭގެ ސަރުކާރަށް ދޭން ޖެހޭ މެސެޖް ދިނުމަށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ކެމެރަން ވިދާޅުވެފައިވާ ކަމަށެވެ. ސީމެގްގެ ވަފުދުގެ ޒިޔާރަތުގައި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ބާރު އަޅާނެ ކަމަށް ވެސް ކެމެރަން ވިދާޅުވި ކަމަށް ތަރުޖަމާނު ވިދާޅުވެ އެވެ.