ފިނިޕޭޖް

ޖޮނީ ޑެޕްގެ ފައިގެ ކުޑަ ހުޅުގައި ރެނދުލައިފި

އެކްޓަރު ޖޮނީ ޑެޕްގެ ފައިގެ ކުޑަ ހުޅުގައި ރެނދެއް އަޅާ އޭނާގެ ބައެއް މަސައްކަތްތައް މަޑުޖައްސާލަން ޖެހިއްޖެ އެވެ.

ޖޮނީ ހިތާމައާއެކު މި ހަބަރު ހިއްސާކޮށްފައިވަނީ އޭނާގެ އިންސްތަގްރާމް ސްޓޯރީއެއް ގައެވެ.

"ފުރަތަމަ އެކަން ފެށުނީ ހެއާލައިން ފްރެކްޗާއަކުން. ނަމަވެސް ކާން އާއި ރޯޔަލް އަލްބަޓް ހޯލްއާ ދެމެދު، އެކަން ގޯސް ވެއްޖެ. ސިއްހީ ދާއިރާގެ ގިނަ ޕްރޮފެޝަނަލުން ދިން ލަފާއަކީ މިވަގުތަށް އެއްވެސް ހަރަކާތެއް ނުކުރުމަށް. ހިތާމައާއަކު ބުނަންޖެހޭނީ އަހަރެންނަށް މިދުވަސްވަރު ދަތުރު ނުކުރެވޭނެ ކަމަށް،" ޖޮނީ ބުންޏެވެ.

ޖޮނީ ވަނީ އޭނާގެ އެންމެ ފަހު ފިލްމް "ޖޯން ޑޫ ބެރީ" ޕްރޮމޯޓްކުރަން ކާން ފިލްމް ފެސްޓިވަލަށް ގޮސްފަ އެވެ.

އެހެންކަމުން ޖޮނީގެ ރޮކް ބޭންޑް "ހޮލީވުޑް ވެމްޕަޔާސް"ގެ ޝޯތައްވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ. ޖޮނީގެ ބޭންޑުގެ އެހެން މެންބަރުން އެލިސް ކޫޕާ އާއި އޭރޯސްމިތްގެ ޖޯ ޕެރީ ވެސް އެމީހުންގެ އިންސްތަގްރާމް ޕޭޖުގައި ޖޮނީގެ ވޭންދެނެވި އަނިޔާގެ ވާހަކަ އާއި ތިން ޝޯ ފަސްކުރިކަމަށް ޕޯސްޓުކޮށްފައިވެ އެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓާ އަދި ނިއު ހެމްޕްޝަޔާ އަދި ނިއު ޔޯކްގެ ބެތެލްގައި އޮންނަ ޝޯ ތައް ތާވަލްކޮށްފައި އޮތީ ޖުލައި 28 އިން 30 އަށެވެ.