އިބްރާހިމް ރިއްފަތު

ރިފްއަތު ވަކިކުރުމުގެ މައްސަލަ: ޖަވާބު ދެއްވީ ލިޔުމުން

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ރިފްއަތު ލިޔުމުން ޖަވާބު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިފްއަތުގެ ދިފާއު ހުށަހެޅުއްވީ ލިޔުމުން ކަމަށެވެ.

"އާންމު ކޮމެޓީން ވަޒީރު ވަޑައިގަންނަވާނެ ކަމަށް ނިންމަވާފަ އޮތް އިޖުރާތެއް އަޅުގަނޑު އަތުގައި އޮތީ. ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިޔުމުން ޖަވާބު ދެއްވަން. އެހެންވީމާ މީގަ އިދާރީ މައްސަލައެއް ނިކުތުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ޖެހޭ ފާހަގަކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހުން 14 ދުވަހުގެ ނޯޓިސް ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތަށް 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 ވޯޓު ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިފްއަތު ލިޔުމުން ޖަވާބު ހުށަހަޅުއްވާފައިވާއިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ އާންމު ކޮމެޓީން ނިންމާފައިވަނީ ވަޒީރު މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވާއިރު އަމަލުކުރާނެ އުސޫލެއް ކަމަށެވެ.

އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓްގެ ވަގުތެއް ދިނުމަށްފަހު ބަހުސްގެ މެދުތެރެއިން 10 މިނެޓް ދިނުމަށްފަހު ބަހުސް ނިމުމުގެ ކުރިން 10 މިނެޓްގެ ވަގުތެއް ދިނުމެއް ކަމަށެވެ.

"އާންމު ކޮމެޓީން ނިންމާފައެއް އިއްޒަތްތެރި ރައީސް، ނެތް ޖަވާބުދާރީވުމަށް ލިޔުމުން ހުށަހެޅުއްވީމާ އެލިޔުން އިއްވާނެ ގޮތަކާ ބެހޭ އެއްވެސް ނިންމުމެއް،" ހަސަން ލަތީފު ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ވަޒީރަށް ލިޔުމުން ޖަވާބު ދާރީވުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރައްވާފަ އެވެ.

"ވަޑައިނުގެންފި ހާލަތެއްގައި އާންމު އުސޫލުން ޓޭބަލް އޮފީހުން ނިންމަވާ އެ ނިންމަވާ ގޮތެއްގެ މަތިން އަމަލުކޮށްފައި ހުރީ ކުރިން،" އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މައްސަލައިގައި ހިޔާލު ތަފާތުވުން އުފެދުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް މަޖިލިސް މެދުކަނޑާލާފަ އެވެ.