މ. މަޑުއްވަރީ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފި އެވެ.
މަޑުއްވަރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނާ ހަމީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދާއިމީ ގޮތެއްގައި ފުލުހުން ގާއިމުކޮށްގެން ހިދުމަތް ދިނުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށެވެ. ރާއްޖޭގެ ޖިއޯގްރަފީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ފުލުހުންގެ ހިދުމަތްދީ ތަރައްގީކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ހުރިކަންވެސް ފާހަގަކުރެއްވި އެވެ.
"އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާ އާއި ވަސީލަތްތަކުގެ ސަބަބުން އަންނަ ދަތިތަކެއް ނޫން. އިންސާނީ ވަސީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަންވެސް އެބަހުރި،" ސީޕީ ވިދާޅުވި އެވެ.
ކޮމިއުނިޓީ ޕޮލިސިން ފަލްސަފާގެ މައްޗަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށާއި މި ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ހިދުމަތްދޭއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ. އަދި އެކުވެރި މާހައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މ. އަތޮޅުގައިވެސް އަވައްޓެރި ފުލުހުންގެ ހިދުމަތުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާކަންވެސް ފާހަގަކުރެއްވި އެވެ.
ސީޕީގެ ވާހަކަފުޅުގައި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކޮށްދެއްވުމަށް މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެެވެ.