ފިނިޕޭޖް

ޑެނީލީ ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި

ލަވަ ކިއުންތެރިޔާ، ރެޕާ އަދި ކޮރިއޯގްރަފާ ޑެނިއެލް "ޑެނީލީ" ކިއުރެލް، އެކްސިޑެންޓެއް ވުމަށްފަހު ދުއްވާފައި ދިއުމުން މަޔާމީ ޑޭޑް ޕޮލިސް އިން ހައްޔަރުކޮށްފި އެވެ.

ޕޮލިހުން ޑެނީލީ ހުއްޓުވާފައިވަނީ ބަނގުރާބޮއެގެން މަސްތުގެ ހާލުގައި ބާރަށް ކާރު ދުއްވާފާ ގޮސް، މޮޕެޑް ސައިކަލެއްގައި ޖެހި، އެމީހާއަށް އަށްވީ ގޮތް ނުބަލައި ދުއްވާފައި ދަނިކޮށެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ޑެނީލީގެ އަޅިކުލައިގެ މާސިޑީޒް-ބެންޒް ދުއްވާފައި އައީ ސީދަލަކަށް ނޫނެވެ. އަދި މޮޕެޑްގައި ޖެހިފައި މީހާ ވެއްޓި، މޮޕެޑް ކާރުގައި އަޅައިގަނެގެން ކޭއްތެމުން ދިޔައިރުވެސް ކާރު ނުހުއްޓާ ކަމަށްވެސް ބައެއް މީހުން ބުންޏެވެ. މަގުމަތީގައި ތިބި މީހުން ޑެނީލީގެ ސަމާލުކަމަށް އެކަން ގެންނަން މަސައްކަތްކުރި ކަމަށްވެސް ބުންޏެވެ.

މިމައްސަލަ ޕޮލިހަށް އެންގީ އެތަނުގައި ހުރި މީހެކެވެ. ޕޮލިހުން ޑެނީލީ ހުއްޓުވީ އިރު، އޭނާ ބުނީ މޮޕެޑް ދުއްވާފައި ދިޔަ މީހެއްގެ ގައިގައި ނުޖެހޭ ކަމަށާއި އެއްވެސް ވަރަކަށް ބަނގުރާ ހުރި ބުއިމެއް ނުބޯ ކަމަށެވެ. އެކަމަކު ކާރުން ބަނގުރާ ބްރޭންޑޭއްގެ ފުޅިއެއް ފެނި އޭނާގެ އަނގައިން ބަނގުރަލުގެ ވަސް ދުވި ކަމަށް ފުލުހުން ބުންޏެވެ.

ބްރެތަލައިޒާ ޓެސްޓު ހެދިއިރު ޑެނީލީގެ ހަށިގަނޑުގައި ބަނގުރަލުގެ އަސަރު ހުރީ ގާނޫނުން ކާރު ދުއްވަން ހުއްދަކުރާ ވަރަށް ވުރެ ދެގުނަ ވުރެ އިތުރަށެވެ.

މި އެކްސިޑެންޓްގައި މޮޕެޑް ދުއްވަން އިން މީހާގެ މޮޕެޑް ވަރަށް ބޮޑަށް ހަލާކުވުމުގެ އިތުރުން އޭނާގެ އެއް ކިޑްނީ ކަފައިގެން ގޮސް، މާބަދައިގެ ފްރެކްޗާއެއް ވެފައިވެ އެވެ.

ޑެނީލީ ހައްޔަރު ކުރި ދައުވާތަކަކީ މަސްތުގެ ހާލަތުގައި ކާރު ދުއްވުން، މުދަލަށް ގެއްލުން ދިނުމާއި، އެކްސިޑެންޓް ވުމުން އެހީތެރިކަން ފޯރުނުކޮށްދީ އެތަނުން ފިލުމެވެ. ޑެނީ ވަނީ 9،500 ޑޮލަރު ދެއްކުމާ ގުޅިގެން ޝަރީއަތް ހިނގަންދެން މިވަގުތަށް ޖަލުން ދޫކޮށްފަ އެވެ.