ބޮލީވުޑް

މޫނުބުރުގާ އަޅާތީ ފާޑުކިޔާ މީހުންނަށް ޒާއިރާ ވަސީމްގެ ޖަވާބު

"ދަންގަލް" އާއި "ދަ ސްކައި އިޒް ޕިންކް" އަދި "ސީކްރެޓް ސުޕަސްޓާ" ފަދަ ފިލްމުތަކުގައި ވަރަށް މޮޅު ހުނަރު ދައްކާފައިވާ ބަތަލާ ޒާއިރާ ވަސީމް 2019ގައި ފިލްމު ކުޅުމަށް އަލްވަދާއުކީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން ކަމަށް ބުނެފަ އެވެ.

ޒާހިރާގެ ޚަބަރެއް ނުވާތާ ވަރަށް ގިނަ ދުވަސް ފަހުން އިއްޔެ އަނެއްކާވެސް ޒާއިރާގެ ޓުވީޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. މިއީ މޫނުބުރުގާ އަޅައިގެން އިން އަންހެނަކު ރެސްޓޯރަންޓެއްގައި ބުރުގާ ނުނަގާ އިނދެ ކާ މަންޒަރަށް ބަޔަކު ފާޑުކިޔާ ކޮމެންޓްކުރަން ފެށުމުން އޭނާ އެމީހުންނަށް ޖަވާބު ދޭން ކޮށްފައިވާ ޓުވީޓް ތަކެކެވެ.

މި ފޮޓޯ ޝެއާ ކުރި މީހާ ކެޕްޝަންގައި ލިޔެފައިވަނީ "މިއީ އިންސާނުންނަށް ޗޮއިސް އެއް ހެއްޔެވެ؟" އެވެ.

މި ޓުވީޓަށް ރިއެކްޓްކުރަމުން ޒާއިރާ ބުނެފައިވަނީ ވަރަށް ފަހުން އޭނާ ދިޔަ ކައިވެނީގެ ވަލީމާއެއްގައި ޚުދް އޭނާ ވެސް ކެއީ އެގޮތަށް މޫނު ބުރުގާ އަޅައިގެން އިނދެ ކަމަށެވެ. އަދި އެގޮތަށް އޭނާ އެކަން ކުރީ އޭނާ އެގޮތް ބޭނުންވެގެން ކަމަށްވެސް ޒާއިރާ ބުނެފައި ވެއެވެ.

"އަހަރެންގެ ވަށައިގެން ތިބި އެންމެން އަހަރެން ކައިރީ ބުނި ތި މޫނު ފޮތިކޮޅު ނަގައިގެން ކައިބަލާށޭ. އެކަމު އަހަރެންނެއް ނުނަގަން. އަހަރެމެން މޫނުބުރުގާ އަޅަނީ ކޮންމެހެން މީހުންނަށް ދެއްކޭކަށް ނޫން. އެހެންވީމަ ހަޖަމު ކޮށްލާ،" ޒާއިރާގެ ޓުވީޓުގައި ވެއެވެ.

ދީނީ ކަންކަމާ ގުޅޭ ގޮތުން ޒާއިރާ ޚިޔާލު ފާޅުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުވެސް އޭނާ ވަނީ މޫނުބުރުގާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ޝެއާ ކޮށްފަ އެވެ. އަދި ބުރުގާ އަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށް އެ ފަހަރުވެސް އޭނާ ބުނެފައި ވެއެވެ. އަދި ބުރުގާ އަޅައިގެން އުޅޭ މުސްލިމް އަންހެނުންނަށް އިންޑިއާ ފަދަ ގައުމުތަކުގެ މުޖުތަމައުތަކުގައި ދިމާވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުންވެސް ޒާއިރާ އޭނާގެ ޚިޔާލު ފާޅުކޮށްފައި ވެއެވެ.