އިބްރާހިމް ރިއްފަތު

މަގާމުގެ ހައިސިއްޔަތުން ނިންމެވި ކަމެއްގައި ގޯހެއް ނުދެއްކޭނެ: ރިފްއަތު

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި މަގާމުގެ ހައިސިއްޔަތުން ނިންމެވި ކަމެއްގައި ގޯހެއް ނުދެއްކޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވި ރިފްއަތު ވަނީ އެމަނިކުފާނު ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް މެންބަރުން ނުދައްކަވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ނިންމުމެއް ކަމުގައި ބުނެވޭނެ ގާނޫނީ މަރުކަޒެއް، އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް މައްސަލަ ހުށަހެޅުއްވި މެންބަރުން ދައްކަވާފައި ނުވޭ،" ރިފްއަތު ވިދާޅުވި އެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްގައި ވަކާލާތުކޮށް ރާއްޖޭގެ މަސްލަހަތު ދިފާއު ކުރައްވާފައިވާނެ ކަމަށާއި ވަކާލާތު ކުރެއްވީ ގާނޫނީ ގޮތުން ރާއްޖެއަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އެމަނިކުފާނު ނިންމެވި ނިންމެވުންތަކަކީ ގާނޫނު އަސާސީން ބަންޑާރަނައިބަށް ލިބޭ ބާރުގެ ދަށުން ނިންމެވި ކަންކަމެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ވަޒީރަށް ލިބިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބަންޑާރަނައިބު ރިފްއަތު ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފިނަމަ އެކަމުގައި އަމަލުކުރާނެ ގޮތެއް އާންމު ކޮމެޓީން ނިންމާފައިނުވާ ކަމަށެވެ.

ރިފްއަތު ލިޔުމުުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފަ އެވެ.