ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ޑިޖިޓަލް ބޭންކިން އެސިސްޓަންޓެއް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އކެުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް، "އާޔާ" ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ތައާރަފު ކުރި "އާޔާ" އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "އާޔާ" އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމާ ސާވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފާ ކޮށްލެވޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ "އާޔާ" އާއެކު ކަސްޓަމަރުންނަށް އަވަހަށް ޖަވާބު ދެވިގެންދާނެ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް. އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް "އާޔާ" ފަރުމާކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި. އެހެންކަމުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާލީ ހިދުމަތް ފޯރުކޮށްދޭ އިދާރާގެ ގޮތުގައި ބޭންކު ވީހިނދު ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ސެލްފް ސާވިސް ބޭންކިން ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިން ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ވަގުތުން ބޭންކް އެކައުންޓް ހުޅުވުމާއި އޮންލައިންކޮށް ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުމާއި ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖް ކުރުމުގެ އިތުރުން ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ޓީޓީގެ ހިދުމަތް ފަދަ ގިނަގުނަ ޑިޖިޓަލް ހިދުމަތްތަކެއް ބީއެމްއެލް އިން ފޯރުކޮށްދެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ވިދާޅުވީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް މިދަނީ ފެންނަމުން. އެގޮތުން، 2022 ވަނަ އަހަރު ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 40 ޕަސަންޓް ވަނީ ރަނގަޅުވެފައި. އަދި އަޅުގަނޑުމެންގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު މިވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައި. އެހެން ނަމަވެސް އަދިވެސް ގިނަ މަސައްކަތް ކުރަންޖެހޭ. އަދި އަޅުގަނޑުމެން އިޖާދީ ހައްލު ހޯދުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް މަސައްކަތްތަކެއް ކުރާނަން،" ކާލް ވިދާޅުވި އެވެ.

ބީއެމްއެލް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.