ފިނިޕޭޖް

ދުއާ ލީޕާ އާއި ރޮމޭން ލޯބީގެ ގޮތުން ގުޅިއްޖެ

ލަވަ ކިޔުންތެރިޔާ ދުއާ ލީޕާ އާއި ފަރަންސޭސި ވިލާތުގެ ޑައިރެކްޓަރު ރޮމޭން ގަވްރާސް އެކުގައި، ކަޅު ކުލައިގެ ހެދުމުގައި ކާން ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓުން ފެނުނެވެ.

ދުއާ އާއި ރޮމޭން ގޮސްފައިވަނީ އޮމަރް ލާ ފްރޭސް (ދަ ކިންގް އޮފް އަލްޖިއާސް)ގެ ޕްރީމިއާ އަށެވެ. އަދި ފޮޓޯތަކަށް ޕޯޒްކޮށްފައިވަނީ ގައިގޯޅިކޮށެވެ. މިއީ މި ދެ ލޯބިވެރިން ރަސްމީކޮށް އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ.

ދުއާ އާއި ރޮމޭން ލޯބީގެ ގޮތުން ގުޅިފައިވާ ކަމުގެ އަޑު އަރާފައިވަނީ ފެބްރުއަރީ މަހު ބަފްޓާ އެވޯޑްގެ އާފްޓާ ޕާޓީއަށްފަހު އެކުގައި އަތު ގުޅުވައިގެން ދަނިކޮށެވެ. އޭގެފަހުން މާޗް މަހުވެސް ސޭން ލޯރެންގެ ޕެރިސް ފެޝަން ވީކް ޝޯއަށްފަހު އެކުގައި ދިޔަ އެވެ.

ލޯބީގެ ވާހަކަތައް ފެތުރުނަސް ދުއާ އަދި ރޮމޭންވެސް މީގެ ކުރިން މިކަމަށް ބަހެއް ބުނެފައެއް ނުވެ އެވެ.

ރޮމޭންގެ ކުރިން ދުއާ ލޯބީގެ ގޮތުން ގުޅުނީ މޮޑެލް އަންވަރު ހަދީދްއާ އެވެ. ދެ އަހަރުގެ މި ގުޅުން ނިމުމަކަށް އައީ 2021 ގައެވެ. އޭގެ ފަހުން ޓްރެވާ ނޮއާއާ ގުޅިފައިވާކަމުގެ އަޑު އެރިއިރު ދުއާ އޭރު ބުނީ އޭނާ ސިންގަލް ކަމަށެވެ.

ރޮމޭން ވަނީ މީގެ ކުރިން ލަވަކިޔުންތެރިޔާ ރީޓާ އޯރާއާ ޑޭޓްކޮށްފަ އެވެ.