ޓެރަރިޒަމްގެ ދައުވާއުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނު އަބްދުﷲ ޖަލަށްލެއްވި ނަމަވެސް އަދާލަތު ޕާޓީގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ގޭބަންދުގައި ހުންނެވި އިމްރާން އަބްދުﷲ އަލުން ޖަލު ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޝެއިހް އިމްރާނު ޖަލަށް ލެއްވިޔަސް ނުވަތަ އަދާލަތު ޕާޓީ އުވާލިނަމަ ވެސް އެ ޕާޓީގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ، ޖަލަށްލެވޭނީ މީހުން ކަމަށާއި ފިކުރެއް ޖަލަށް ނުލެވޭނެ ކަމަށެވެ.
އިމްރާން ދެ ފަހަރެއްގެ މަތިން ޖަލުގައި ބަންދު ކުރުމަށް ފަހު އަލުން ގެއަށް ބަދަލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އިމްރާން ގޭބަންދަށް ބަދަލުކޮށްދިނީ، އެބޭފުޅާ ޑޮކްޓަރުންނަށް ދެއްކުމުގައި ފުލުހުން އިހުމާލުވެފައިވާތީ އާއި އެކަމަށް ދައުލަތަށް ޖަވާބުދާރީނުވެވުމުންނެވެ. އިމްރާން ގޭބަންދަށް ބަދަލުކުރީ ޑޮކްޓަރަށް ދެއްކުމަށް ނަމަވެސް ގެއިން ބޭރަށް ނިކުންނަ ނަމަ ފުލުހުންނަށް އަންގާ ގޮތަށާއި އެގޮތާ ހިލާފުވެއްޖެނަމަ ޖަލަށް ބަދަލުކުރަންވަން ޖެހިދާނެ ކަމަށް ޝަރުތުކޮށްފަ އެވެ. އިމްރާނު އަލުން ޖަލަށް ބަދަލުކުރެއްވި ސަބަބެއް ކްރިމިނަލް ކޯޓުން ބުނެފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު އަމުރުގައި އިމްރާން ގެއަށް ބަދަލު ކުރުމަށް ކުރިން ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ދައުވާގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ، މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް އިމްރާން ހިތްވަރުދެއްވި ކަމަށް ބުނެ އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވައި އިމްރާންގެ މައްޗަށް ވަނީ ދައުލަތުން ހެކި ވެސް ހުށަހަޅައިފަ އެވެ.