ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރާ ފަރާތްތަކުން އުފައްދަން އުޅޭ ސިޔާސީ ޕާޓީ -- "ދަ ޑިމޮކްރެޓްސް" މާދަމާ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށްް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ މުއައްސިސް ކަމުގައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ދިނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ދަ ޑިމޮކްރެޓްސް އިން ބުނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކުރެވިފައިވާތީ މާދަމާ ހެނދުނު 11:00 އިރު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނެ ކަމަށެވެ. ކުރިންވެސް ދަ ޑިމޮކްރެޓްސް އިން ނިންމާފައިވަނީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކުރެވުމާ އެކު ލަސްނުކޮށް ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅުމަށެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ނަޝީދާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނު ގޮތާ ގުޅޭގޮތުން ހަސަން ލަތީފް މީގެ ކުރިން ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ ނިކުތީ ހިތްހަމަނުޖެހޭ ސިފަތަކެއް އެ ޕާޓީގައި މިހާރު ހުރުމުން ކަމަށެވެ. އަދި އެ ސިފަތައް ދެން އިސްލާހުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެތުމުން ކަމަށެވެ.
"އެންމެ ފުރަތަމަ އުފެދުނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ހަގީގަތުގައި ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް، ސިފަތައް އަށަގެންނެވުމަށް އުފެއްދި ޕާޓީ. އެހެންނަމަވެސް މަޑުމަޑުން އެ ސިފަތަކާ ދުރަށްޖެހި ޑިމޮކްރަސީގެ އެންމެ އަސާސީ ކަންކަން އެއީ މަޝްވަރާ އާއި ބައިވެރިކުރުމާއި ބައިވެރިވުމާއި އަދި ހަމައެހެންމެ ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުން. އެ ސިފަތައް ނެތިދާތީ އެއީ ރާއްޖޭގެ ޒުވާނުންނަށް ހައްގު މިންވަރެއް ނޫން،" ހަސަން ލަތީފު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ.