އަހުމަދު އިގްޔާން ރަފީއު އަކީ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންގައި ގޯލްޑެން ޓިކެޓް ލިބުނު ފަރާތްތަކަށް ބަލާއިރު އޮޑިޝަން ރައުންޑްގައި ވަގުތުން ހިޓަކަށް ބަދަލުވެ ޖަޖުންގެ ވެސް ބޮޑު ފެވަރިޓަކަށް ބަދަލުވެގެން ދިޔަ ލަވަކިޔުންތެރިއެކެވެ. އޭނާގެ ހިތްގައިމު އަޑަށް ޖަޖުންނާއި ޝޯގެ ބެލުންތެރިން ވެސް ނުއޮއްސާކަށް ތައުރީފެއް ނެތެވެ.
މޯލްޑިވިއަން އައިޑޮލްގެ ޝޯގައި ރެއާއި ހުކުރު ދުވަހުގެ ރޭ ނިމިގެން އެ ދިޔަ ތިއޭޓާ ރައުންޑްގައި އިގްޔާންގެ ޕާފޯމެންސް ބަލައިލުމަށް ބިސްކޮލާޓާއާ އާއި އެކްސެލް އެނާޖީ ޑްރިންކްތަކާ އެކު ގިނަ ބަޔަކު ސޯފާއަށް އަރައި ހަމަޖެހިލައިގެން ތިބި އެއް ސަބަބަކީ ވެސް އެއީ އެވެ. އެހެން ނަމަވެސް ތިއޭޓާ ރައުންޑެއް ނިމިގެންދިޔައިރު ވެސް އިގްޔާން އާއި އޭނާއާއެކު އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުނު ބައެއް އެހެން ކުދިން ވެސް ފެނިގެންގޮސްފައެއް ނުވެ އެވެ.
މިކަންތައް ޝޯގެ ވަފާތެރި ފޭނުންނަށް ގަބޫލު ކުރަން އެހާ ފަސޭހަވި ކަމަކަށް ނުވިއެވެ. ވަކިން ހާއްސަކޮށް ޖަޖުންގެ ވެސް ފެވަރިޓަކަށް ބަދަލުވެ އައްމަޑޭގެ ޓައީ ވެސް ލިބުނު ލަވަކިޔުންތެރިނާ ތިއޭޓާ ރައުންޑުން ނުފެނުން ވެގެން ދިޔައީ މުޅި ޝޯ އަށް ވެސް ލިބުނު ފަޅުކަމެއްގެ ގޮތުގަ އެވެ.
އިގްޔާން އަދި އޭނާ ފަދަ ބައެއް އެހެން ބައިވެރިންނަށް ގޯލްޑެން ޓިކެޓް ލިބި ޝޯގައި އިތުރަށް ބައިވެރިނުވެވުނު ސަބަބަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
ޝޯއިން ވަކިވީ މާ ބޮޑު ހުވަފެނެއް ހަގީގަތަކަށް ހެދުމަށް
އޮޑިޝަނުން ރަނުގެ ޓިކެޓް ލިބި ތިއޭޓާ ރައުންޑަށް ނުގޮސް ޝޯ އިން އަމިއްލަ އަށް ވަކިވި 21 އަހަރުގެ އިގްޔާންގެ އެ ހުވަފެނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ޑޮކްޓަރަކަށް ވުމުގެ ހުވަފެނެވެ.
އެހެންވީމަ އިގްޔާން މި ޝޯއެއްގައި މަޑުކުރި ނަމަ ޑޮކްޓަރުންގެ ކުރިމަތިލުމެއް ޝޯއިން ފެނިގެން ދިއުމުގެ ފުރުސަތު އޮންނާނެ ނޫން ހެއްޔެވެ؟ ޝޯގައި މިހާރު ވެސް އެންމެ ގަދައަށް ވިދައި ބަބުޅަމުން އަންނަ ލައިޝާ ޖުނައިދަކީ ވެސް ކޮންމެވެސް ދުވަހަކުން ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކޭ ކުއްޖެކެވެ.
ޝޯއާއެކު ކުރިއަށް ދާ "ލައިޝާ ޑޮކްޓަރު" ނިންމިއިރު އިގްޔާން މި ވަނީ މެޑިސިންގެ ދާއިރާއިން މަތީ ތައުލީމަަށް ވަގުތު ހޯދަން ޝޯ އަށް އަލްވަދާއު ކިޔައިފަ އެވެ. އޭނާ ބުނީ ޕްލޭސްމެންޓް ހަމަޖެހުނީ މާލޭގެ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުނު ފަހުން ކަމަށެވެ.
"އެހެންވީމަ ކިޔަވަން ދާން ވެގެން އަމިއްލަ އަށް އެދިގެން ވަކިވީ. މި މަހު ފުރަން އޮތީ. އައިޑޮލް ޝޯ އެހިސާބަށް ނުނިމޭނެތީ އާއި ޝޯގައި އިތުރަށް ކުރިއަށް ދެވުނަސް ބައިވެރިނުވެވޭނެތީ އާއި އޭގެ ސަބަބުން ފައިންއެއް ވެސް އަތުވެދާނެ ކަމަށް ބަލާފައި ވަކިވީ،" މެޑިސިންގެ ދާއިރާ އިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ޔުކްރެއިނުން ލިބިފައިހުރި އިގްޔާން ބުންޏެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ އޭނާ އަށް އަދި ހުރިހާ ކަމެއް ހަމައެއް ނުޖެހެ އެވެ. އިގްޔާން ބުނީ މާލީ ގޮތުން އޭނާގެ ދަތުރު އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ.
އިގްޔާންގެ އެހެން ފެކްޓްތަކަށް ބަލާއިރު ވަރަށް ވެސް ޝައުގުވެރިކުރުވަނިވި ކަންކަން ފާހަގަކޮށްލެވެ އެވެ. އޭނާ ބޭނުންވަނީ ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކަށްވާށެވެ. މިހާރު ވަޒީފާ އަދާކުރަމުން ދަނީ އައިޖީއެމްއެޗުގައި ޑެންޓަލް އެސިސްޓެންޓަކަށެވެ.
"ފުރަތަމަ ބޭނުންވީ ޑެންޓިސްޓަކަށް ވާން. އެކަމަކު ޑެސްޓިސްޓުން މަސައްކަތްކުރަން ޖެހޭ ގޮތް ފެނުނީމަ ފޫހިވީ. އަބަދު ގާތްގަނޑަކަށް އެއްކަމެއް ކުރަން މި ޖެހެނީ،" ވަކި ދާއިރާއަކުން ސްޕެޝަލައިޒްވުމަށް ޝައުގުވެރިވި ގޮތް ކިޔައިދެމުން އިގްޔާން ބުންޏެވެ.
އޭނާ ބުނީ ލަވަކިޔުމަކީ ހޮބީއެއް ކަމަށާއި އެންމެ ބޮޑު ޑްރީމަކީ ކިޔެވުން ކަމަށެވެ. އެކަމަކު ކިޔަވަން ނުދެވިއްޖެ ނަމަ މޯލްޑިވިއަން އައިޑޮލް އިން ވަކިވުމަށް ނިންމި ނިންމުމާ މެދު ހިތާމަކުރާނެ ކަމަށެވެ.
އިގްޔާން އަކީ ސްކޫލް ކުދިންގެ ލަވަ މުބާރާތުން ވެސް ފާހަގަކޮށްލެވުނު އަޑެކެވެ. އެގޮތުން ކަލާފާނު ސްކޫލްގެ ބެޖުގައި ބައިވެރިވެ އުމުރު ފުރާއިން ދެ ވަނަ ގެންގޮސްފައިވާއިރު ދެން ބައިވެރިވި ފަހަރުތަކުގައި އަބަދުވެސް ގަދަ ފަހެއްގައި ލައްވާލާފައިވެ އެވެ.
ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މޮޑާން ރޮކް ބޭންޑް ޓީއެންޓީގެ ކުރީގެ ލީޑް ވޯކަލިސްޓަކީ ވެސް އިގްޔާން އެވެ.
ގޯލްޑެން ޓިކެޓް ލިބުނު ގޮތަށް ނިދިން ނުހޭލެވުނު!
މިއީ މލޭގެ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުނު އަހުމަދު ޝައިފްގެ ވާހަކަ އެވެ. ފަހަރެއްގައި ޝައިފް މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވިކަން އޭނާގެ އެކުވެރިންނާއި އާއިލާ މީހުން ފިޔަވައި އިތުރު އެހެން ބަޔަކަށް ނުވެސް އެނގިދާނެ އެވެ. ސަބަބަކީ މިއީ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތައް ޓީވީ އިން ދެއްކިއިރު ސްކްރީނުން ޓައިމް ނުލިބުނު ކުދިންގެ ތެރެއިން ކުއްޖަކަށްވާތީ އެވެ.
އެހެން ނަމަވެސް ޝައިފް އަކީ ތިން ޖަޖުންގެ "ޔެސް" އާއެކު މާލޭގެ އޮޑިޝަނުން ތިއޭޓާ ރައުންޑަށް ދަތުރުކުރި ބައިވެރިއެކެވެ. ވަރަށް ނަސީބު ގަދަ ކުއްޖެކޭ ބައެއް މީހުންގެ ހިތަށް އަރައިފާނެ އެވެ.
އެކަމަކު ހަގީގަތަކީ ތިއޭޓާ ރައުންޑުން 22 އަހަރުގެ މި ލަވަކިޔުންތެރިޔާ ކަޓުވާލީ "ބަދުނަސީބު" ކަމެވެ.
"ހޭލެވުނުއިރު މާ ބޮޑަށް ލަސްވެފަ ހުރީ. ތިއޭޓާ ރައުންޑަށް ފުރަން އޮތް ދުވަހުގެ ފަތިހު ނިދީ ވެސް. ވީގޮތަކީ މުޅި އެ ދުވަހު އުޅުނީ އެ ދަތުރަށް ތައްޔާރުވުމުގައި. އެއްޗެހިތައް ހޯދައި ލަވަ ވެސް ދަސްކުރުމުގައި. ދެން ލަސްވީމަ ނުކެރުނީ ގުޅާލަން ވެސް. އޮތީ ބުނެފައި ގަޑިނުޖެހެން،" ޕާފޯމެންސް ރަނގަޅުކުރުމަށް ޖަޖުންގެ ފަރާތުން އޮޑިޝަނުގައި އިރުޝާދު ލިބުނު ޝައިފް ބުންޏެވެ.
އޭނާ ބުނީ ލަވަތައް އަޑުއަހަން ބޭނުންކުރި ފޯނު ވެސް އެ ދަތުރާ ދިމާކޮށް ހަލާކުވެއްޖެ ކަމަށާއި ތިއޭޓާ ރައުންޑްގައި ލަވަ އަޑުއަހަން ހާއްސަކޮށްގެން އައިޕޮޑެއް ވެސް ގަތް ކަމަށެވެ. އަދި ނިދަން ޖައްސާލީ ޕެކްވެސް ކޮށް ފޯނު އެލާމަށް ވެސް ލައިގެން ކަމަށެވެ.
"އެހާ ބޮޑަށް ތައްޔާރުވެފައި އެހެންވީމަ ވަރަށް ދެރަވި. ދެ ފޯނުން އެލާމްކޮށްލައިގެން އޮތީ ވެސް. އެކަމަކު ވެސް ނުހޭލެވުނު. ގޮވާލަން ބުނި މީހުންނަކަށް ވެސް ނުގޮވުނު. އެއްގޮތަކަށް ވެސް ދާހިތް ނުވެގެން ނޫން ނުދެވުނީ،" ޝައިފް ބުންޏެވެ.
އޭނާ ބުނީ ޝޯ އިން ބަދުނަސީބު ގޮތަކަށް ކަޓައިގެންދިޔައިރު އޭނާގެ މުޅި ދިރިއުޅުން ގާތްގަނޑަކަށް ހުސްކޮށްލާފައި ވަނީ ލަވަކިޔުމަށް ކަމަށެވެ. އެގޮތުން ވަޒީފާއަކަށް މި ދުވަސްކޮޅު ނުގޮސް މަޑުކޮށްލައިގެން ހުރީ ވެސް އައިޑޮލްގެ ފައިނަލަށް ދެވޭނެ ކަމުގެ އުއްމީދުގައި ކަމަށް ބުންޏެވެ.
"ވަޒީފާއަކަށް ނުގޮސް ހުރީ ވެސް އައިޑޮލް އިން ކުރިއަށް ދާން. އެއް ވަނަ ހޯދަން އުއްމީދުކުރީ. އަދިވެސް ބޭނުންވަނީ މިއުޒިކްގެ ދާއިރާ އިން ކުރިއަށް ދާން. އަންނަ އަހަރުގެ އައިޑޮލްގައި ބައިވެރިވާނެ ކަން ޔަގީން،" އޮޑިޝަނުގައި ކުޑަ އިއްބެގެ ހަލަބޮލި ލަވަ ޕާފޯމްކުރި ޝައިފް ބުންޏެވެ.
ޒޫނާގެ ދަރިފުޅު އޭނާގެ ވަޒީފާގައި މާ ބިޒީވީ
އެއީ އަހުމަދު ނަބީލް އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ޒޫނާގެ ފިރިހެން ދަރިފުޅު ނަބީލް އަކީ ވެސް ޝޯގެ އޮޑިޝަނުގައި ނިކަން ބޮޑު ހިޓެކެވެ. ވަކިން ހާއްސަކޮށް އޭނާ ފާހަގަކުރެވިގެން ދިޔައީ އޮޑިޝަންތަކުގައި ބައިވެރިވި ލަވަކިޔުންތެރިންނާ ހިލާފު ހުނަރުވެރިކަމެއް ދެއްކި ޕާފޯމާއަކަށެވެ.
ޝޯގެ އެއް ޖަޖު ކަމުގައިވާ އައްމަޑޭ ބުނެފައި ވަނީ ނަބީލް އަކީ "ކްލެސިކަލް ސިންގާއަކަށް" ބަލަމުން ދަނިކޮށް ފެނުނު ޖަވާހިރެއް ކަމަށެވެ. އެހެން ނަމަވެސް މި ޖަވާހިރެއް އެންމެ ފަހު ވަގުތު އަތުން ބީވެގެން ދިޔައީ އެވެ.
ލިލީ އިންޓަނޭޝަނަލްގެ މާކެޓިން ޓީމުގައި އިސްކޮށް އަދި ނިކަން ބިޒީކޮށް ހަރަކާތްތެރިވަމުން އަންނަ 23 އަހަރުގެ ނަބީލް ބުނީ އޭނާ ކިތަންމެ ބޭނުންވިޔަސް މޯލްޑިވިއަން އައިޑޮލްއާ އެކު މިފަހަރު ކުރިއަށް ނުދެވުނީ ވަޒީފާގެ ޒިންމާތައް މިވަގުތަށް ދޫކޮށްލެވެން ނެތުމުން ކަމަށެވެ.
"އަޅުގަނޑު އަދި މި ދުވަސްކޮޅު ގޮސްފިއްޔާމު ކޮމްޕެނީ އަށް ވަރަށް އުނދަގޫވާނެ. ގޯލްޑެން ޓިކެޓް ލިބުނު ފަހުން މަސައްކަތް މާބޮޑަށް ބިޒީވީ. އެހެންވީމަ ލީވް ނަގައިގެން ދަނގައްޗަށް ދާން އުނދަގޫވީ މަސައްކަތަށް އިސްކަން ދޭން ޖެހުނީމަ،" ނަބީލް ބުންޏެވެ.
ޝޯ އަށް ވަގުތު ނުދެވޭނެކަން އެނގުމުން ނަބީލް އެންމެފަހުން އަމިއްލަ އަށް ޝޯއިން ވަކިވީ އެވެ.
"އަޅުގަނޑު ބައިވެރިވީ މޮޅުވާނެ ކަމުގެ އުއްމީދުގައި. ވަރަށް ޓެލެންޓެޑް ކުދިންތަކެއް އެ އުޅެނީ ޝޯގައި. ޗެލެންޖަކަށް ވެސް ބަލައިގެން. އޭރުންތާ އަޅުގަނޑު ވެސް އިމްޕްރޫވްވާނީ،" ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ކުރިން ޖަމާލުއްދީންގެ ބެޖުގައި ވެސް ވިދާލި ނަބީލް ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މި ޝޯގައި ކުރިއަށް އޮތްތާގައި ވެސް ބައިވެރިވާނަން. ޑްރީމްއެއް އިންޑިއާ އަށް ގޮސްގެން ބޮލީވުޑްގެ ފަރާތްތަކާ އެކު މަސައްކަތްކުރުން. އެ ފުރުސަތު އެބަ ލިބޭކަން ނޭނގެ ޝޯ ކާމިޔާބުކުރާ ފަރާތަކަށް."
ނަބީލް ފަދަ ހުނަރުވެރިއަކު ޝޯއިން ގެއްލިގެން ދިއުމަކީ ޔަގީނަށް ވެސް ގިނަ ބަޔަކަށް ލިބޭނެ މާޔޫސްކަމެކެވެ. ވަކިން ހާއްސަކޮށް ލަވަކިޔުމަށް ހާއްސަ ފޯރިއެއް ހުންނަ އޭނާގެ މަންމަ ޒޫނާ އަށް ލިބުނު ހިތްދަތިކަން މާ ބޮޑެވެ.