އެސްޓީއޯ

ހިއްސާއަކަށް 77 ރުފިޔާ ބަހަން އެސްޓީއޯއިން ނިންމައިފި

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 77 ރުފިޔާ ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 300 އަށްވުރެ ގިނަ ހިއްސާދާރުންގެ ތެރެއިން 99 ޕަސަންޓް ހިއްސާދާރުންގެ ވޯޓުންނެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯ އިން މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާދަރުންނަށް ބެހީ ހިއްސާއަކަށް 65 ރުފިޔާ އެވެ.

އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރަކަށް ހޮވާފައިވަނީ މުހައްމަދު އަހްސަން ސަލީމް އެވެ.

މީގެ އިތުރުން ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ހަމަޖައްސާފަ އެވެ.