މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އޭޕްރީލް މަހުވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަ

ޖެންޑާ މިނިސްޓްރީއަށް ނިމިގެން ދިޔަ އޭޕްރީލް މަހު ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ މާޗް މަހު ވެސް ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅީ މިފަދަ މައްސަލަތަކެވެ.

ޖެންޑާ މިނިސްޓްރީގެ އޭޕްރީލް މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އޭޕްރީލް މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 236 މައްސަލަ އެވެ. މީގެތެރެއިން 99 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 23 މައްސަލަ ފާހަގަކޮށްފައިވަނީ އިހުމާލުގެ މައްސަލައިގެ ގޮތުގަ އެވެ.

އޭޕްރީލް މަހު ހުށަހެޅުނު އިތުރު މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ އާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުމުގެ 17 މައްސަލަ އާއި، ޖިންސީ ހާނިއްކައިގެ 21 މައްސަލަ އާއި، ގެވެށި އަނިޔާގެ 15 މައްސަލައާއި، އެހެން ބައެއްގެ ފަރާތުން ގަނާކުރުމާއި ގޯނާކުރުމުގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ އާއި ބްލެކްމެއި ކުރުމާ ގުޅޭ ތިން މައްސަލަ ވެސް ހިމެނެ އެވެ.

ކުޑަކުދިންނާ ގުޅޭ އާއިލީ މައްސަލަތަކުގެ 29 މައްސަލަ ވެސް އޭޕްރީލް މަހު ހުށަހަޅާފައިވެ އެވެ.

އޭޕްރީލް މަހު ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުދިން ގެނެސްފައިވާއިރު އިތުރު ދެ ކުއްޖަކު އަނބުރާ އާއިލާއާ ހަވާލުކޮށްފައިވެ އެވެ. އޭޕްރީލް މަސް ނިމުނުިއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 186 ކުދިން ތިއްބެވެ.