ލައިފްސްޓައިލް

ތިން ދުވަސްވީ ދަރިފުޅު ފިރުކެން ފެށުމުން މަންމައަށް ޝޮކެއް

އަލަށް މަންމައަކަށްވީ ޒުވާން އަންހެނަކަށް އޭނާގެ އެންމެ ތިން ދުވަސް ވެސް ނުފުރޭ ތުއްތު ދަރިފުޅު ކަރު އުފުލާލާފައި ފިރުކެން ފެށި މަންޒަރު ފެނިފައި ބޮޑު ޝޮކެއް ލިބިއްޖެ އެވެ.

އެ ކުއްޖާ ފިރުކެން ފަށާފައިވަނީ ހޮސްޕިޓަލުގައި އޭނާ ބާއްވާފައި އޮތް ކުޑަ އެނދުގައި އޮވެގެންނެވެ.

ސަމަންތާ މިޝެލް، 34، ގެ ދަރިފުޅު ނައިލާ ޑައިސޭ ޒަބާރީ ބަންޑުން ބާއްވާފައި އޮއްވާ ދެއަތް ވިއްދާފައި ތެދުވަން މަސައްކަތް ކުރާތަން ފެނުމުން ހައިރާންވެ ބަލަން ހުއްޓެވެ. ދެން ފެނުނީ ތުއްތު ދަރިފުޅު ދެ އަތަށް ބާރު ލާފައި ބޯ އުފުލާލައި ފިރުކޭ ކަހަލަ ހަރުކާތެއް ކުރި ތަނެވެ.

އެމެރިކާގެ ޕެންސިލްވީނިއާގެ ވައިޓް އޯކްގައި ދިރިއުޅޭ ސަމަންތާ މި މަންޒަރު އޭނާގެ ފޯނުން ރެކޯޑް ކޮށްފައި ވެއެވެ.

މި ވީޑީއޯ މިހާރު ވައިރަލް ވެފައިވާއިރު ވީޑިއޯއިން ފެންނަނީ މި ތުއްތު ކުއްޖާ ހަމަހަގީގަތުގައި ވެސް ދެއަތުން ހަށިގަނޑު ކުޑަކޮށް އުފުލާލައި ބޯ ވެސް އުފުލާލައި ދެ ފަރާތަށް ބަލަމުން ފިރުކޭ ތަނެވެ.

ސަމަންތާ ބުނި ގޮތުގައި އޭނާގެ ތުއްތު ދަރިފުޅު ފުރަތަމަ ފަހަރަށް އެގޮތަށް ފިރުކެން ފެށުމުން އޭނާއަށް ހައިރާންވެފައި ހުރެވުނީ އެވެ. ސަބަބަކީ އޭނާއަކީ ބޭބީސިޓް ކުރުމުގެ 20 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވެފައި މިފަދަ ކަމެއް މީގެ ކުރިން ދެކެފައި ނުވާތީ އެވެ.

ސަމަންތާ ބުނި ގޮތުގައި ތުއްތު ދަރިފުޅުގެ ބޯ ހިއްލާލި ގޮތުންވެސް ފުރަތަމަ އޭނާ ހައިރާންވި އެވެ. އަދި ވާހަކަ ދައްކާގޮތަށް އަޑުއަޑު ގޮއްވަން ފެށުމުން ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުރެވުނެވެ. އެވަގުތު ކޮޓަރީގައި ހުރީ އޭނާ އެކަނި ކަމުން ވީޑިއޯކޮށްގެން ނުދައްކާ އެކަކު ކައިރީގައި ވެސް މި ވާހަކަ ބުނެފިނަމަ ގަބޫލު ނުކުރާނެކަން ސަމަންތާއަށް އެނގެ އެވެ. އެހެންވެ ދެވަނަ ފަހަރަށް ދަރިފުޅު ފިރުކެން ކުރި މަސައްކަތް އޭނާ ރެކޯޑް ކުރީ އެވެ.

ސަމަންތާގެ ތުއްތު ދަރިފުޅު ފިރުކެން ފެށިއިރު އޭނާއަށްވީ ދެ ދުވަހާ ބައި ކަމަށް ސަމަންތާ ބުންޏެވެ.

ނައިލާ އުފަންވެފައިވަނީ މިއަހަރުގެ ފެބްރުއަރީ 27 ގައެވެ. އާއްމުކޮށް ތުއްތުކުދިން ފިރުކެން ފަށަނީ ނުވަ މަހުގަ އެވެ.

ސަމަންތާ މި ވީޑިއޯ ސޯޝަލް މީޑީއާގައި ޕޯސްޓްކުރުމުން ބައެއް މީހުން ވަރަށް މަޖާ ކޮމެންޓުތައް ކޮށްފައި ވެއެވެ.

އެތަނުން އެކަކު ވަނީ ތުއްތު ކުއްޖާ ހިނގާކަށް ނުފަށާތޯ ސުވާލުކޮށްފަ އެވެ. އެހެން މީހަކު ބުނީ ތުއްތު ކުދިން ފިރުކުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. ބައެއް ކުދިން އުފަންވާތާ މިނެޓެއް ތެރޭވެސް ފިރުކިފައި އެބަހުރި ކަމަށެވެ.

ސަމަންތާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް 18 ދުވަސް ފުރުނު ދުވަހު އެއް ފުށުން އަނެއް ފުށަށް ޖެހެން ފަށައިފި އެވެ. އަދި ދޮޅުމަސްވީއިރު ވާހަކަ ދައްކަން މަސައްކަތް ކުރަން ފަށައިފި އެވެ.