އެއްވުންތަކަށް ގޮވާލައި ރައްޔިތުންތަކެއް މަގުމައްޗަށް ނެރެ ހަމަނުޖެހުންތަކެއް ހިންގުމަށްފަހު ލީޑަރުން ތިބެނީ ފިލާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އިދިކޮޅު ލީޑަރުންނަށް މަލާމާތާ އެކު ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރުންނަށް އަމާޒުކުރައްވާ އިމްރާން މިއަދު ޓްވީޓެއް ކުރައްވާފައި މިވަނީ ރާއްޖޭގެ ކަނޑުން ބައެއް މިސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ މިރޭ އަލިމަސް ކާނިވަލުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ރާއްޖޭގެ އެކި ސަރަހައްދުން މިރޭގެ ޖަލްސާއަށް މީހުން މާލެ އައިސްފައިވެ އެވެ.
އިމްރާން ވިދާޅުވީ ސިޔާސީ ބައެއް "ލީޑަރުން" ކަންކުރައްވާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހެދުމަށްފަހު މައިދާން ދޫކޮށް ފިލައިގެން ދިއުން ކަމަށެވެ.
ލީޑަރުން އެގޮތަށް އަމަލުކުރެއްވުމުން ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންތަކަކަށް ކަމަށްވެސް އިމްރާން ވިދާޅުވެފައިވެ އެވެ
"ލީޑަރުން ތިބެނީ ފިލާ. ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް އެއްވެސް ރައްޔިތަކު މިގޮތަށް ވިޔަ ނުދެއްވާ،" އިމްރާން ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން ބޭއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 1، 2015 ގައެވެ.
އެއަހަރުގެ މެއި ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ނަމުގައި ބޭއްވި ބޮޑު އެއްވުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައިވެ އެވެ.
މިއެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އިމްރާން ކަމަށްވާތީ އޭރުގެ ސަރުކާރުން އިމްރާންގެ މައްޗަށް ދައުވާކޮށް އޭނާ ދިގު މުއްދަތަކަށް ޖަލަށްލި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާ އެކު ޝަރުއީ ދާއިރާއަށް އޭރުގެ ސަރުކާރުން ފޯރުވި ނުފޫޒުތަކުން ސަލާމަތްވެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ އެކު އިމްރާން މިނިވަން ވެގެން ދިޔައީ އެވެ.