ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން"ގެ ޓީމާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެއްވެސް ނަތީޖާއެއް ނުލިބި ދެ ބޭފުޅުންގެ ސިޔާސީ ގުޅުން ނިމިފައިވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމްގެ އަމިއްލަ ޓީވީ ޗެނަލް -- ވީޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގާސިމް ވަނީ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
އެގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އޭނާ ކައިރިއަށް ރައީސް ނަޝީދު ވަޑައިގެން މިއީ ގާސިމް ވެރިކަމަށް ކުރިމަތިލެއްވުމަށް އެންމެ ރަނގަޅު ފަހަރު ކަމަށް ވިދާޅުވެ އެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ރައީސް ނަޝީދު ކަމަށެވެ. އަދި އޭގެފަހުން ނަޝީދުގެ އަރިހުގައި މަސައްކަތް ކުރައްވާ "ފިކުރެއްގެ ދިރުން"ގެ ޓީމުގެ ބޭފުޅުންވެސް ރައްޔިތުންގެ މަޖިލީހާއި އެހެން ބައެއް ތަންތަނުން ބައްދަލުކުރައްވާ ގާސިމް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެދިވަޑައިގެންނެވި ކަމުގައިވެސް ވިދާޅުވި އެވެ.
"ދެން އޭރުވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑު އަތުގައި މިވަގުތު މާގިނަ ލާރިއެެއް ނެތޭ. ހަމަ ހަގީގަތުގައިވެސް ކޮވިޑާ ގުޅިގެން އަޅުގަޑުމެންނަށް ވެސް އަދި މުޅި ދުނިޔެއަށް ވެސް ދިމާވި ބޮޑު ގެއްލުމާ އެކު އަޅުގަނޑުމެންނަށް ލިބުނު ގެއްލުމުންވެސް އަދިވެސް އަރައިނުގަނެވިގެން މިއުޅެނީ،: ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގެން ނަޝީދު ވާހަކަ ދެއްކެވި ނަމަވެސް ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން އަބަދުވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދަކީ އަމަލާ ބަސް ދިމާ ނުވާ ބޭފުޅެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.
"ރައީސް ނަޝީދަށް ކަމަކު ނުދާނެ އެބޭފުޅާ ނޫން މީހަކު ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަށް އެތަން ބަލަން ކެތެއް ނުވާނެ،" ނަޝީދަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.
ވެރިކަމަށް ކުރިމަތިލެއްވުމުގެ ދައުވަތު ދެއްވާ ނަޝީދުގެ ޓީމުން ޖޭޕީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔައިރު ރައީސް ނަޝީދު ވެސް ދެފަހަރެއްގެ މަތިން ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ މަޝްވަރާތައް ކުރައްވައި ކޯލިޝަނެއް ހެދުމުގެ ވާހަކަދެއްކެވި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އަދި ކޯލިޝަން ހަދަންޖެހޭ ކަންކަން އިތުރަށް ސާފުކޮށްދެއްވަން އެދިވަޑައިގަތުމުން ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައުލޫމާތު ވަރަށް ތަފްސީލްކޮށް ލިޔުމަކުން ލިބިވަޑައިގެންނެވި ކަމުގައިވެސް ވިދާޅުވި އެވެ. އެ ލިޔުން ލިބިވަޑައިގަތުމާ އެކު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް މަގުކޮށައިދޭ މީހަކީ ގާސިމް ކަމަށް ހެދުމަށް ނަޝީދު ބޭނުންވާ މިންވަރު ސާފުކޮށް އެނގިގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ވަނީ ސްޓެޕިން ސްޓޯނަކަށް،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދާ އެކު ކޯލިޝަން ހެދުމަށް ބޭނުންވާ އިތުރު ސަބަބެއް ވެސް ގާސިމް މިއަދު ހާމަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ރައީސް ނަޝީދާ އެކު އޭނާ ކޯލިޝަނެއް ހެދި ނަމަ އެމްޑީޕީ ހަލާކުކޮށްލީ ގާސިމް ކަމަށް އެމްޑީޕީގެ މެންބަރުން ބުނާނެ ކަމަށާއި އެ "ޓެގް" ބޭނުން ނުވާ ކަމުގައި ގާސިމް ވިދާޅުވި އެވެ. އަދި ނަޝީދާ އެކު ކުރިއަށް ދިޔަ ވާހަކަތައް ހުއްޓިފައިވާ ކަމަށާއި އެހެންވީ ވެރިކަން ނޫން އެހެން ކަމެއް ނަޝީދު ބޭނުން ނުވާތީ ކަމަށް ދޭހަކުރެވޭ ގޮތަށްވެސް ގާސިމް ވާހަކަދެއްކެވި އެވެ.
"މީހަކު ޖަހާނެހާ ބެރަކަށް ގުނބޯ ހެދިގެން ނަށާ މީހެއް ނޫން [އަޅުގަނޑު] މިއީ. އެކަމެއް އަޅުގަނޑު ނުކުރާނަން،" ގާސިމް ވިދާޅުވި އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާ ގުޅޭގޮތުންވެސް ގާސިމް ވާހަކަދެއްކެވި އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ އޭނާ ކަމަށާއި އެމްޑީޕީއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެއް ނޫން ކަމަށެވެ. އަދި ރައީސް މައުމޫން ޑީއާރްޕީގެ ޒައީމުގެ ގޮތުގައި ހުންނެވި ދުވަސް އޭނާ އެ ޕާޓީގެ ނައިބް ލީޑަރަކަށް ހުންނަވައިގެން ސިޔާސީ ވާދަވެރި މާހައުލެއް ގައުމުގައި ދިރުވުމަށްޓަކައި އެމްޑީޕީއަށް ހަރަދު ކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.