ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ މަންމާފުޅު އަނީސާ މަޚްލޫފް އަވަހާރަވެއްޖެ އެވެ.
އުމުރުން 86 އަހަރުފުޅުގައި އިއްޔެ އެކަމަނާ އަވަހާރަވެފައިވާ ވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާ އަދި ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާނިސާ ވަނީ މީގެކުރިން އެތައް ފަހަރަކު ޖަރުމަނުން ވެސް ފަރުވާ ހޯއްދަވާފަ އެވެ. އެހެން ނަމަވެސް އެއީ 2012 ގައި ޖަރުމަނުން އެކަމަނާ ބްލެކްލިސްޓް ކުރުމުގެ ކުރިންނެވެ. މަންމާފުޅު އާނިސާގެ އިތުރުން ވެސް އެ އާއިލާގެ ގިނަ ބަޔަކު ޖަރުމަނުން ބްލެކްލިސްޓް ކޮށްފައިވެ އެވެ.
އާނިސާ، ރައީސް ހާފިޒް އަލް އަސަދާ ކައިވެނި ބައްލަވަގެންފައިވނީ 1957 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ފަސް ބޭފުޅުން ލިބި ވަޑައިގެންފައިވާއިރު މިހާރު ދުނިޔޭގައި ތިބީ ތިން ބޭފުޅުންނެވެ.
ރައީސް ހާފިޒްގެ އަނބިކަނބަލުން ކަމަށްވީ ނަމަވެސް ހާފިޒްގެ ވެރިކަމުގައި އަދި އޭގެ ފަހުގައިވެސް އާނިސާ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައި ވަނީ ވަރަށް މަދުންނެވެ.
އާނިސާ ވަނީ ދަރިކަނބަލުން ބުޝްރާ އަލް އަސަދާއެކު ޔޫއޭއީ އަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ. ބުޝްރާ ޔޫއޭއީ އަށް ދިރިއުޅުން ބަދަލުކުރެއްވީ 2012 ވަނަ އަހަރު ފިރިކަލުން އަދި އޭރުގެ ޑެޕިޔުޓީ ޑިފެންސް މިނިސްޓާ އާސިފް ޝައުކަތު ބޮމުގެ ހަމަލާއެއްގައި އަވަހާރަވުމުންނެވެ.