އަބްދުއްރަހީމް އަބްދުﷲ

ހޯދަންވީ ފޯޅަވަހި، އޭރުން ކަނޑު ލިބޭނެ: އަބްދުއްރަހީމް

ދިވެހިން މިއަދު ކުރަންޖެހޭ ކަމަކީ ފޯޅަވަހި ހޯދުން ކަމަށާއި އެތަން ލިބުމާ އެކު ދިވެހިންނަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ލިބޭނެ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލާފައިވާ ކަމަށް ބުނެ މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުން ދިވެހިރާއްޖޭގެ ކަނޑު ވިއްކާލީ ވާނުވާ ނޭނގިގެން ނޫން ކަމަށާއި އެއީ ސަރުކާރުގެ ވެރިން ގައުމަށްވީ ބޮޑު ހިޔާނާތެއް ކަމަށެވެ.

އަބްދުރަހީމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފޯޅަވަހި ހޯދުން ކަމަށެވެ. ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމުގައި ވިދާޅުވި އެވެ.

"ފޯޅަވައްސަކީ ގުދުރަތީ ގޮތުން އުފެދުމުގައިވެސް ދިވެހިންގެ ތަނެއް. އެކަމަށް އަޅުގަނޑުމެން މިދައްކަނީ ދުނިޔޭގައި މިފަދަ ކަމަކަށް ބަޔަކަށް ދެއްކޭނެ އެންމެ ވަރުގަދަ ހެކި. އެންމެ ވަރުގަދަ ދަލީލު. އެއީ ކޮބައިތޯ؟ ތިބޭފުޅުން މިހާރުވެސް ފޯނުން ގޫގުލްއަށް ވަދެ ގޫގުލް އާތުން ފޯޅަވަހި ބައްލަވާލައްވާ. ފޯޅަވަހި އޮންނާނީ ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައި މިއޮތް އަށިމަތީގައި. ދިވެހިރާއްޖެ ފެށިގެން އަންނާނީ މަލިކުން އެއްކޮޅުން. އަނެއްކޮޅުން ދިވެހިރާއްޖެ ފެށިގެން އަންނާނީ ފޯޅަވަހިން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް ފޯޅަވައްސަކީ "ދިވެހިރާއްޖޭގެ ގޯތީގެ ތެރޭގައި އޮތް ބައެއް" ކަމަށެވެ. އެހެންކަމުން ފޯޅަވަހި ހޯދުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި ފޯޅަވަހި ލިބުމާއެކު ދިވެހިންގެ ކަނޑު ދިވެހިންނަށް ލިބޭނެ ކަމުގައި ވިދާޅުވި އެވެ

"މިކަނޑަކީ ބައިކުރަންޖެހޭ ތަނެއް ނޫން. މިކިއްކުރަން ބައިކުރާ ތަނެއްތޯ؟ މިއީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން ނުވަވަނަ ހަސަން ރަސްގެފާނު ފޮނުއްވި ސިޓީއަކުން ފެންނަން އެބައޮތް ކަންވެސް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ގައުމަށް ހިޔާނާތްވި ހަސަން ރަސްގެފާނަށް ވެސް ގައުމުގެ ބިމުގެ މުހިއްމުކަން އެނގިވަޑައިގަންނަވާކަން އެ ސިޓީން އެނގޭ ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ވަނީ ދިވެހިންގެ އަންނަން އޮތް އެތައް ޖީލަކަށް ހިތާމައާއި ހިތްދަތިކަން ލިބޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށާއި އެއީ ބޮޑު ހިޔާނާތެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިގައުމުގެ މިނިވަންކަމާ ކުޅޭނަމަ މިނިވަންކަމުގެ ދިފާއުގައި ދިވެހިން އަބަދުވެސް ނިކުންނާނެ ކަމަށެވެ. މިރޭގެ ޖަލްސާގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ ގޮތުން އެކި ފިކުރުތަކުގެ ބޭފުޅުން ކަމަށާއި އެހުރިހާ ބޭފުޅުން ގައުމުގެ ހައްގުގައި ތެދުވީ މިނިވަންކަމަށް ގެއްލުންވާ ގޮތަށް މިސަރުކާރުން އަމަލުކޮށްފައިވާތީ ގައުމުގެ ދިފާއުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ

"އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވަން ބޭނުންވަނީ ހަމަހިލާ ތިހެން ނުހެދޭނެއޭ. މަނިކުފާނުގެ ވެރިކަން އަޅުގަނޑުމެން ނިމުމަކަށް ގެންނާނަމޭ. ވައްކަންކޮށްފިއޭ މިގައުމުން. ހިޔާނާތްތެރިވެއްޖައީމުއޭ މިގައުމަށް. ގާނޫނުއަސާސީއާ ހިލާފުވެއްޖައީމުއޭ މަނިކުފާނު. އެހެންނަކުން ނުހެދޭނެއޭ. ދިވެހި ލޭ ހިނގާ ދިވެހި ދަރިން މިގައުމުގައި އެބަތިއްބޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފޯޅަވަހީގެ މައްސަލައިގައި މިހާރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެހެންވީ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމުން ކަމަށެވެ. އަދި އެކަން ސިފަކުރެއްވީ"އަނދިރި ކަމަކުން އަލިކަމެއް" ލިބުނު ކަމެއްގެ ގޮތުގަ އެވެ.