ޗާގޯސް އާކިޕެލާގޯ

ރައީސް ސޯލިހްގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އެންމެންނަށް އެއްބަސްވެވޭ: ވައްޑެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަން ނިންމަން "ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދު"ގެ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ ކަމުގައި "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅު ހެދުމަށް ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތައް ތަމްސީލް ކުރެއްވުމުގެ ގޮތުން ވާހަކަދެއްކެވި ވައްޑެ އެވެ.

އޭނާ ވިދާޅުވީ އިއްތިހާދުގެ ބައިވެރިންނަށް ދެކަމަކަށް އެއްބަސްވެވޭ ކަމަށެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށާއި ރައީސް ސޯލިހްގެ ވެރިކަން ނިންމުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސިޔާސީ ގޮތުން ތަފާތު ވިސްނުންތަކުގައި ތިއްބަސް އެއްކަމަކަށް އެއްބަސް ވެވިއްޖެ މިހާތަނަށް. ކަނޑުގެ މައްސަލައިގައި އެންމެން އެކީގައި ވާހަކަދައްކަން. އަޅުގަނޑު މިރޭ ދަންނަވަން ދެވަނަ ކަމަކަށް އަޅުގަނޑުމެންނަށް އެބަ އެއްބަސް ވެވޭ. އެއީ މީގެ 98 ދުވަސް ފަހުން، ސެޕްޓެމްބަރު ނުވަވަނަ ދުވަހު މިވެރިކަން ބަދަލުކުރަންވެސް އަޅުގަނޑުމެންނަށް އެއްބަސް ވެވޭ،" ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭގެ ވާހަކަފުޅުގައި ވަނީ މިސަރުކާރަށް ނުސީދާކޮށް މަލާމާތްވެސް ކުރައްވާފަ އެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދިވެހިންނަށް ހޯދައިދެވިއްޖެ ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވާއިރު އެ ހޯދި ބޮޑު ކާމިޔާބާ އެކު މުޅި ސަރުކާރު ފިލާފައިވާ ކަމަަށް ވައްޑޭ ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލުކުރެއްވުމާ ސަރުކާރުގެ ވެރިން ކަނޑުގެ މައްސަލައިގައި އިތުުރުފުޅު ހައްދަވާފައިވާ ކަން އެނގޭ ކަމުގައި ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރައްވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ކަމަށް ބެލެވެ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރިފްއަތު ފުރަތަމަ މަޖިލީހަށް ޖަވާބުދާރީވީ ލިޔުމަކުންނެވެ. ނަމަވެސް މެންބަރުންގެ މެދުގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެން އަދި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރިފްއަތު މިހާރު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ނިންމަވާފަ އެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސްވެެރިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލުކުރަނީ ދިވެހިންގެ ދެ "އަރިމަތީގައި އޮތް ކަނޑުވެސް ވިއްކާލުމަށް" ކަމަށް ތުހުމަތުކުރެއްވި އެވެ.

"އިއްޔެ ނޫން ކުރީ ދުވަހު އަޅުގަނޑު މިއައީ މަސްވެރިކަމުގެ މަޝްހޫރު ރަށެއް ކަމަށްވާ އުކުޅަހުން. އެންމެ ދޯންޏެއް މަހަށް ފުރަނީ. ދެންމެ ކޮލަމާފުށި ބޭފުޅަކު ވިދާޅުވި ތިން ދޯނި ކަމަށް މަހަށް ފުރަނީ. އިހަވަންދޫ މީހުން މަހަށް ދާނެ ބަޔަކު ނުވެގެން މަލިކު ތަންތަނުގައި އިޝްތިހާރު ކުރަނީ،" ރާއްޖޭގައި މަސްވެރިކަމުގައި މަޝްހޫރު ރަށްތަކުގެ ހާލަތު އޮތް ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ވެރިކަން ނިންމަން "ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދު"ގެ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ ކަމަށް ވައްޑެ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް ވެސް އެކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

" ހުރިހާ ބޭފުޅުންނަށް އެއްބަސްވެވޭ ދެކަމެއް މިރޭ އަޅުގަނޑަށް ފެނިއްޖެ. އެއްކަމަކީ ރާއްޖޭގެ މަސްކަނޑުން މިގެއްލުވާލި ނުވަތަ ވިއްކާލި ބައި އަނބުރާ ހޯދުން. ދެވަނަ ކަމަކީ މި ގައްދާރުންގެ ވެރިކަން ނިންމުން" އަދުރޭ ވިދާޅުވި އެވެ.